ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ގިނަ ފަހަރަށް އިވެނީ ހުޅަނގުގެ ފިކުރުތަކާ ގުޅިފައިވާ ވާހަކަތަކެކެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވަނީ މިކަމަށް މުޅިން އައު މާނައެއް ގެނެސްދެއްވާފައެވެ. ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން ވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ނޫސްވެރިންނާއި ރައްޔިތުންނަށް ސީދާ ރައީސާ ބައްދަލުކުރެވޭނެ އައު މިންގަނޑެއް ޤާއިމުކޮށްދެއްވާފައެވެ.
ސީދާ ޖަވާބުދާރީވުމުގެ އައު މިންގަނޑު: ނޫސްވެރިންނާ ބައްދަލުކުރުމުގެ ތަފާސްހިސާބުތައް
ސަރުކާރެއްގެ ހާމަކަންބޮޑުކަން މިންކުރެވޭނެ އެންމެ ސާފު އެއް މިންގަނޑަކީ ޤައުމުގެ އެންމެ އިސްވެރިޔާ ނޫސްވެރިންނާ ކުރިމަތިލައްވާ މިންވަރެވެ. މިގޮތުން ބަލާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރައީސް މުޢިއްޒުގެ ސަރުކާރުން މިވަނީ ކުރީގެ ހުރިހާ ސަރުކާރުތަކެއް ފަހަތަށް ޖައްސާލާފައެވެ. މި ސަރުކާރުގެ ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި އެކަނިވެސް 140 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، 1000 އަށްވުރެ ގިނަ މީޑިއާ އިންޓަވިއު ވަނީ ދެއްވާފައެވެ. މީގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ޤަވާއިދެވެ. މީގެ އިތުރުން، 3 މޭ 2025 ވަނަ ދުވަހު (ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު) ރައީސް މުޢިއްޒު ވަނީ 14 ގަޑިއިރާއި 55 މިނެޓުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި ދުނިޔޭގެ ރެކޯޑެއް މުގުރާލައްވާފައެވެ. މި ބައްދަލުވުމުގައި އެއްވެސް ފިލްޓަރެއް ނެތި 500 އަށްވުރެ ގިނަ ސުވާލަށް އެމަނިކުފާނު ކެތްތެރިކަމާއެކު ސީދާ ޖަވާބުދެއްވިއެވެ. މި އަދަދުތައް ކުރީގެ ސަރުކާރުތަކާ އަޅާކިޔާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
ރައީސުންނާއި މީޑިއާގެ ގުޅުން
- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު (2018-2023) ޤަވާއިދުން ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ އުޞޫލެއް ނެތެވެ. ގިނަ ފަހަރަށް މަސްތަކެއް ވަންދެން ނޫސްވެރިންނާ ކުރިމަތިނުލައްވައި ތިއްބެވިއިރު، މައުލޫމާތު ދެއްވީ ތަރުޖަމާނުން ނުވަތަ ވަޒީރުން މެދުވެރިކޮށެވެ.
- ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު (2013-2018) ރައީސް ސީދާ ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮތީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ. ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތައް ރައީސްގެ ޕްރެސްތަކުން އަބަދަށް ސަސްޕެންޑްކުރުމާއި، ނޫސްތައް ހުއްޓުވާލުމާއި، ނޫސްވެރިން ޖަލަށްލުމާއި، މިނިވަން ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ނުދެއްވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ދުވަސްވަރު ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ވަނީ 120 ވަނަ ދަރަޖައަށް ވެއްޓިފައެވެ.
- ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު (2008-2012) ދުލާއި ޤަލަމުގެ މިނިވަންކަން ރާއްޖެއަށް ގެނެސްދެއްވި ބާނީ އަދި ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ސިފަކުރި ނަމަވެސް، އެމަނިކުފާނުގެ މައިގަނޑު މުވާސަލާތަކީ ހަފްތާއަކު އެއްފަހަރު ރޭޑިއޯއިން ދެއްވި ރެކޯޑުކުރެވިފައިވާ ޚިޠާބުތަކެކެވެ. ނޫސްވެރިންނަށް ސީދާ ސުވާލުކޮށް ޖަވާބުދާރީކުރުވުމުގެ ފުރުޞަތު މިފަދަ ގޮތަކަށް އާންމުކޮށް ހުޅުވައެއް ނުލައްވައެވެ.
މި ހިސާބުތަކުން ސާފުކޮށް އެނގޭ ގޮތުގައި، ޙަޤީޤީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ނޫސްތަކުގައި ލިޔަން ދޫކޮށްލުމެއް ނޫނެވެ. އެއީ ވެރިމީހާ އަމިއްލަފުޅަށް ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، ފޮރުވުމެއް ނެތި ޖަވާބުދާރީވެވަޑައިގަތުމެވެ.
ސިޔާސީ ޙަޤީޤީ ކެތްތެރިކަން: 15 އަހަރުވީ ހައްޔަރުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުން
ޑިމޮކްރަސީއެއްގައި ސިޔާސީ ކެތްތެރިކަން މިންކުރެވޭނީ ހަމައެކަނި ނޫސްވެރިންނަށް ދޭ މިނިވަންކަމަކުން ނޫނެވެ. އެއީ ތިމާއާ އިދިކޮޅު ސިޔާސީ ލީޑަރުންނާމެދު އަމަލުކުރާ ގޮތުންނެވެ. 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުންވެސް ވަނީ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ޖަލަށްލުމުގެ ސަގާފަތެއް ދަމަހައްޓާފައެވެ. ނަމަވެސް މި ސަގާފަތް މިހާރު މިވަނީ މުޅިން ބަދަލުވެފައެވެ. މިކަން ވަޒަންކޮށްލުމަށްޓަކައި، ފާއިތުވި 15 އަހަރުގެ ތާރީޚަށް ބަލައިލުން މުހިންމެވެ.
ރައީސް މުޙައްމަދު ނަޝީދު (2008-2012) ދުނިޔޭގެ ކުރިމަތީގައި ޑިމޮކްރަސީގެ ބައްޕަގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، ޖޫން 2010 ގައި (ވެރިކަމަށް ދެ އަހަރު ނުވަނީސް) އެމަނިކުފާނުގެ ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އޭރުގެ އެންމެ ބޮޑު ދެ ސިޔާސީ ވާދަވެރިން ކަމަށްވާ ޢަބްދުﷲ ޔާމީން އާއި ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައެވެ. ދަޢުލަތަށް ޣައްދާރުވުމާއި ރިޝްވަތުގެ ތުހުމަތުގައި ކުރި މި ހައްޔަރަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، އެބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރުމުންވެސް، ސިފައިން މެދުވެރިކޮށް ޔާމީން ވަނީ އާރަށުގައި ”ޕްރޮޓެކްޓިވް ކަސްޓަޑީ“ ގެ ނަމުގައި ބަންދުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން (2012-2013) 2012 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި، އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (2013-2018) މި ސަރުކާރުގައި ސިޔާސީ އިދިކޮޅު ގާތްގަނޑަކަށް ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު، ޤާސިމް އިބްރާހީމް، އިމްރާން ޢަބްދުﷲ، އަދި އަމިއްލަ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (2018-2023) ވެރިކަމާ ހަވާލުވެވަޑައިގެންތާ މަސްތަކެއްގެ ތެރޭގައި ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލިއެވެ. މީގެ ސަބަބުން މުޅި ދައުރުގައި އިދިކޮޅު މައި ލީޑަރު ހުންނެވީ ޖަލުގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ތަފާތު
މިފަދަ 15 އަހަރުވީ ހިތްދަތި ސަގާފަތަކަށްފަހު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިވަނީ ސިޔާސީ ބަދަލުހިފުން މުޅިން ނިމުމަކަށް ގެނެސްފައެވެ. ސަރުކާރަށް ގާތްގަނޑަކަށް ތިން އަހަރު ވާން ކައިރިވެފައިވާއިރު، ސިޔާސީ މަޤުޞަދެއްގައި އިދިކޮޅު އެއްވެސް ލީޑަރަކު، ޕާޓީއެއްގެ އިސްވެރިޔަކު، ނުވަތަ ކުރީގެ ރައީސަކު މި ސަރުކާރުން ހައްޔަރުކޮށްފައެއް ނުވެއެވެ. އެމްޑީޕީ އަދި އެނޫންވެސް އިދިކޮޅު ފަރާތްތަކަށް، ޖަލުގެ ތޭރިތަކުގެ ބިރަކާނުލައި، މިނިވަންކަމާއެކު ކެމްޕޭން ކުރުމަށާއި، ފާޑުކިޔުމަށް ވަނީ ފުރިހަމަ ޖާގަ ދީފައެވެ. މިކަމުން ސާބިތުކޮށްދެނީ، ހަގީގީ ޑިމޮކްރަސީއަކީ ހަމައެކަނި ބައިނަލްއަޤްވާމީ މީޑިއާއަށް ދައްކާލާ މަންޒަރެއް ނޫން ކަމާއި، އެއީ ތިމާއާ ޚިޔާލު ތަފާތުވާ ސިޔާސީ ވާދަވެރިންނަށް ދޭ ފުރިހަމަ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްކަމެވެ.
މެދުވެރިއަކާ ނުލައި ސީދާ ރައްޔިތުނަށް ޖަވާބުދާރީވުން!
މީޑިއާއަށް ދީފައިވާ ފުރުޞަތުތަކުގެ އިތުރުން، އާންމު ރައްޔިތުންނާ މުޢާމަލާތްކުރެއްވުމުގައިވެސް ރައީސް މުޢިއްޒު ގެންގުޅުއްވަނީ މުޅިން އައު، ކެރޭ ސިޔާސަތެކެވެ. ކުރީގެ ގިނަ ވެރިން އާންމުންގެ ޝަކުވާތަކާއި ނުރުހުންތަކުން ރައްކާތެރިވުމަށްޓަކައި، ވަޒީރުންނާއި ފުލުހުން އައްޑަނައަކަށް ބޭނުންކުރެއްވި ނަމަވެސް، މި ސަރުކާރުން ވަނީ މެދުވެރިއަކާ ނުލައި ސީދާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެވެ.
މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ސަލްޓަން ޕާކުގައި ފެށި ”އަހާ ފޯރަމް“ ތަކެވެ. މި ފޯރަމްތަކުގައި ރައީސާއި ވަޒީރުން ވަނީ ސީދާ ރައްޔިތުންގެ ކުރިމަތީގައި އިށީނދެވަޑައިގެން، އެއްވެސް ފިލްޓަރުކުރުމެއްނެތި އާންމުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މިކަމުގެ ސަބަބުން ވަޒީރުންވެސް ރައްޔިތުންނަށް ޖަވާބުދާރީވުން މަޖުބޫރުވެގެން ދިޔައެވެ.
މިއަށްވުރެވެސް ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ، 2025 ވަނަ އަހަރުގެ ފަހުކޮޅު ރައީސް މުޢިއްޒު ފެއްޓެވި މާލޭގެ އަވަށްތަކުގެ ބައްދަލުވުންތަކެވެ. މާފަންނު، ހެންވޭރު، ގަލޮޅު، މައްޗަންގޮޅި، ވިލިމާލެ އަދި ހުޅުމާލޭގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރައްޔިތުންގެ ހިތްހަމަނުޖެހުންތަކާއި ޝަކުވާތައް ސީދާ އެމަނިކުފާނުގެ މޫނުފުޅަށް ގޮވައިގަތުމަށް ފުރުޞަތު ދެއްވިއެވެ. ރައްޔިތުން ނުރުހުންފާޅުކޮށް، ރުޅިވެރިކަމާއެކު ވާހަކަދައްކަމުން ދިޔައިރު، އެކަން ހުއްޓުވަން ފުލުހުން ފޮނުއްވުމުގެ ބަދަލުގައި، ނުވަތަ އެހެން ފަރާތަކާ އެކަން ހަވާލުކުރެއްވުމުގެ ބަދަލުގައި، ރައީސް އިންނެވީ ކެތްތެރިކަމާއެކު އެ އަޑުތައް އައްސަވާށެވެ. އަދި އެރައްޔިތުންގެ ޝަކުވާތަކަށް ރައްޔިތުންގެ ތެރޭގައި ހުރެ ޖަވާބުދާރީވިއެވެ. އޯގާތެރިކަމާއެކު ޖަވާބުދެއްވިއެވެ. ބައެއް އާންމުން ވަކިން ބައްދަލުކުރަން އެދުމުން އެ ފުރުޞަތުވެސް ފަހިކޮށްދެއްވިއެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެއްވެސް ވެރިޔަކު ރައްޔިތުންނާ މިހާ ގާތުން، އަދި މިހާ ހާމަކަންބޮޑުކޮށް ޖަވާބުދާރީވި ފުރަތަމަ ފަހަރެވެ. ޑިމޮކްރަސީއެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ސޯޝަލް މީޑިއާގައި އެއްޗެހި ލިޔުމެއް ނޫނެވެ. އެއީ ތިމާގެ ވެރިމީހާގެ ކުރިމައްޗަށް ގޮސް، ޖެހިލުމެއްނެތި ތިމާގެ ޝަކުވާތައް އިއްވާލުމުގެ ފުރުޞަތު އޮތުމެވެ. ރައީސް މުޢިއްޒު ވަނީ މި ފުރުޞަތު ރައްޔިތުންނަށް އަމަލީގޮތުން ފަހިކޮށްދެއްވާފައެވެ.
ކެމްޕޭނަށް ނޫނަސް ރައްޔިތުންގެ ގާތަށް ވަޑައިގަތުން: ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ތާރީޚީ ދަތުރުފުޅު
ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، އަތޮޅުތެރޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ވެރިންނާއި ސިޔާސީ ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވަނީ ހަމައެކަނި އިންތިޚާބަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ކަމަށް ވުމެވެ. އިންތިޚާބު ނިމުމުން، ވެރިން ތިއްބަވަނީ މާލޭގައެވެ. ނަމަވެސް، ރައީސް މުޢިއްޒު ވަނީ މި ޒަމާންވީ އާދަވެސް މުޅިން ބަދަލު ކޮށްލައްވާފައެވެ.
ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި، އެމަނިކުފާނު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ޒިޔާރަތްކުރައްވައިފައެވެ. މި ތާރީޚީ ދަތުރުފުޅުތައް ނިންމަވާލެއްވީ 28 އޮކްޓޯބަރ 2025 ގައި ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުންނެވެ. މިއީ 2008 ވަނަ އަހަރު ގެނެވުނު އައު ޤާނޫނުއަސާސީގެ ދަށުން ވެރިކަމާ ހަވާލުވެވަޑައިގަތް އެއްވެސް ރައީސަކަށް ކުރެއްވިފައިވާ ކަމެއް ނޫނެވެ. އަދި ހަމައެކަނި އެއްފަހަރު ވަޑައިގަތުމުގެ ބަދަލުގައި، އޭގެ ތެރެއިން 63 ރަށަކަށް މިހާރުވެސް ވަނީ ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.
މި ދަތުރުފުޅުތަކަކީ 2028 ގެ ރިޔާސީ އިންތިޚާބަށް ކުރެއްވި ކެމްޕޭނެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ސަރުކާރު ހިންގުމުގެ ނިޒާމު ރައްޔިތުންނާ ގާތަށް ގެންދިއުމަށް ކުރެއްވި އަމަލީ މަސައްކަތެކެވެ. މި ދަތުރުފުޅުތަކުގައި އެމަނިކުފާނާއެކު ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެން، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ސީދާ ރައްޔިތުންގެ އަޑު އައްސަވާފައިވެއެވެ.
މިއިން ސާބިތުކޮށްދެނީ، އަތޮޅުތެރޭގެ ރައްޔިތުންނަށް އެމީހުންގެ އަޑު އިއްވުމުގެ ފުރުޞަތު ދެއްވުމަކީ ވޯޓު ފޮއްޓާ ގުޅިފައިވާ ކަމެއް ނޫންކަމާއި، އެއީ ސަރުކާރުގެ ދުވަހުން ދުވަހުގެ މަސައްކަތުގެ މުހިންމު ބައެއް ކަމެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިވަނީ، މާލޭގައި ހުންނަވާ ނޫސްވެރިއަކަށް ވިޔަސް އަދި އަތޮޅުތެރޭގެ ދުރު ރަށެއްގައި ހުރި މަސްވެރިއަކަށް ވިޔަސް، ވިޔަފާރިވެރިއަކަސް، ޓެކްސީ ޑްރައިވަރުން ވިޔަސް، ސީދާ ރައީސާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ފަހިކޮށްދެއްވާފައެވެ.
ޒިންމާދާރު ޚިޔާލުފާޅުކުރުމާއި، އަބުރުކަތިލުން ހުއްޓުވުން: އިސްލާމީ އުޞޫލުތައް ނެގެހެއްޓުން
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ހުޅަނގުގެ ޤައުމުތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަށާއި، ދޮގު ވާހަކަތައް ފެތުރުމަށް ބޭނުންކުރާ ހަތިޔާރެއް ނަމަވެސް، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެކަން އޮންނަންވާނީ އެއާ މުޅިން ޚިލާފަށެވެ. އިސްލާމްދީނަކީ މީސްތަކުންގެ ކަރާމާތާއި އަބުރު ރައްކާތެރިކޮށްދޭ، އަދި ފިތުނަފަސާދައާއި ޣީބަބުނުން ހަރުކަށި އިބާރާތުން މަނާކުރާ ދީނެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މި އިސްލާމީ އުޞޫލުތަކުގެ މަތީގައި، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިކޮށްދީފައެވެ.
ފަހަކަށް އައިސް ފާސްކުރެވުނު ’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން އެކްޓް‘ އާ ގުޅިގެން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަދި އެ ޕާޓީގެ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުގެ ނަމުގައި) ވަނީ ބޮޑެތި ދޮގު ވާހަކަތަކެއް ފަތުރާފައެވެ. މި ޤާނޫނުގެ ސަބަބުން ނޫސްވެރިން ޖަލަށްލައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރިއެވެ. ނަމަވެސް މިއަދު ފެންނަން އޮތް ޙަޤީޤަތަކީ، އެ ޤާނޫނު ވުޖޫދުވެ އަމަލުކުރަން ފެށިފަހުން އެއްވެސް ނޫސްވެރިއަކަށް އަދަބެއް ދީފައި ނުވާކަމެވެ. އެއިން ސާބިތުކޮށްދެނީ އެއީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ފެތުރި ދޮގު ޕްރޮޕެގެންޑާއެއް ކަމެވެ.
މި އައު ކޮމިޝަނުން އެޅި ހަމައެކަނި ބޮޑު ފިޔަވަޅަކީ، ’އަދަދު‘ ނޫހުން ޝާއިއުކުރި، މުޖުތަމައުގެ އަދި ދީނީ މިންގަނޑުތަކާ ޚިލާފު ކުރެހުމެއް ނެގުމަށް އެންގި އެންގުމެވެ. އެ ކުރެހުމަކީ ހަމައެކަނި ސިޔާސީ ގޮތުން ފާޑުކިޔުމަށް ކުރެހި އެއްޗެއް ނޫނެވެ. އޭގައި ވަނީ ނަމާދަށް ހުންނަ މީހަކު އެކަށީގެންނުވާ ގޮތަކަށް ސިފަކޮށް، އިސްލާމްދީނުގެ މުޤާއްދަސް އަޅުކަމަކަށް ފުރައްސާރަވާފަދަ ގޮތަކަށް ކުރަހާފައެވެ. ދިވެހި ރައްޔިތުންނަކީ ދީނީ ކަންކަމުގައި ވަރަށް ޣައިރަތްތެރި ބަޔަކަށް ވާއިރު، މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސަރުކާރުން އެޅި ފިޔަވަޅަކީ ރައްޔިތުންގެ ދީނީ ޝުއޫރުތަކާއި އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެކެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އަބުރާބެހުމުގެ ކުށް އުވާލުމާއެކު، އެއްވެސް ހިފެހެއްޓުމެއް ނެތި މީހުންގެ އަބުރު ކަތިލުމާއި ދޮގު ޚަބަރު ފެތުރުން އާންމުވެގެން ދިޔައެވެ. ނަމަވެސް ރައީސް މުޢިއްޒު މިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙަޤީޤަތް ދިވެހިންނަށް ސާފުކޮށްދެއްވާފައެވެ. އެއީ ދޮގު ވާހަކަތަކުން އާންމު ފަރުދުންގެ ކަރާމާތް ނަގާލުމުގެ ބަދަލުގައި، ސީދާ ވެރިންނާ ސުވާލުކުރެވޭނެ، ޖަވާބުދާރީކުރުވޭނެ، އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރުމެވެ.
ފުހެލަންދަތި ތަރިކަ: މުސްތަޤުބަލުގެ ރައީސުންނަށް ކަނޑައެޅުނު އައު މިންގަނޑު!
މި ސަރުކާރަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވުނު ކަމުގައި ވިޔަސް، ރައީސް މުޢިއްޒު މިވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ފުހެލަންދަތި، ވަރުގަދަ ތަރިކައެއް ބިނާކުރައްވާފައެވެ. އެމަނިކުފާނު މިވަނީ ދެން ރާއްޖޭގެ ރިޔާސީ ގޮނޑީގައި އިށީނދެވަޑައިގަންނަވާނެ ކޮންމެ ބޭފުޅަކަށްމެ އަމަލުކުރަން މަޖުބޫރުވާނެފަދަ އައު މިންގަނޑެއް ކަނޑައަޅުއްވާފައެވެ.
މި ސަރުކާރުން ޤާއިމުކުރި ހާމަކަންބޮޑު އުޞޫލުތަކުގެ ސަބަބުން، ދެން އަންނަ ރައީސަކަށްވެސް ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވަން މަޖުބޫރުވާނެއެވެ. ހަމައެހެންމެ، އައު ކެބިނެޓުގެ ވަޒީރުންނަށްވެސް ފިލައި ނުތިބެ، ޤަވާއިދުން ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެ ޖަވާބުދާރީވާން ޖެހޭނެއެވެ. ރައީސް މުޢިއްޒަށްވުރެ ރަނގަޅު ވެރިއަކަށް ވުމަށްޓަކައި، ނުވަތަ އެކަން ސާބިތުކޮށްދިނުމަށްޓަކައި، ދެން އަންނަ ރައީސަކަށް ޖެހިވަޑައިގަންނަވާނީ 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު މުގުރާލާށެވެ. އަދި އެންމެ ދެ އަހަރު ނުވަނީސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ރެކޯޑުވެސް މުގުރާލަން ޖެހޭނެއެވެ. ފަހަރެއްގައި އެ ރެކޯޑު މުގުރާލުމަށްޓަކައި ދެން އަންނަ ރައީސަކަށް ހުރިހާ ރަށަކަށް ދެފަހަރަށް ވަޑައިގަންނަވަންވެސް ޖެހިދާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ، އާންމު އާދައިގެ ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ހުރަހަކާ ނުލައި އިށީނދެވަޑައިގެން އިންނެވުމުގެ ހިތްވަރާއި ކެރުންތެރިކަން ދެން އަންނަ ރައީސެއްގެ ކިބައިގައިވެސް ހުންނަން ޖެހުމެވެ. އާދައިގެ ރައްޔިތުމީހާގެ ޝަކުވާތަކާއި، ނުރުހުމާއި، ރުޅިވެރިކަމުގެ އަޑުތައް އައްސަވައި، އެއްވެސް ފޫހިކަމެއް ނެތި ހިނިތުންވުމާއި އޯގާތެރިކަމާއެކު އެމީހުންނަށް ޖަވާބުދެއްވުމުގެ ޤާބިލްކަން ހުންނަން މަޖުބޫރުވާނެއެވެ.
ރައީސް މުޢިއްޒު މިވަނީ ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމަކީ ހަމައެކަނި އަމުރުކުރާ މަޤާމެއްގެ ބަދަލުގައި، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވެ، ރައްޔިތުންގެ އަޑުއަހާ ޚާދިމެއްގެ މަޤާމަށް ބަދަލުކޮށްދެއްވާފައެވެ. މިއީ އެމަނިކުފާނު ދިވެހި ޑިމޮކްރަސީއަށް ދޫކުރައްވާ އެންމެ އަގުބޮޑު، އަދި އެންމެ ވަރުގަދަ ތަރިކައެވެ.




