ނޫސްވެރިޔާ ރިޟްވާންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރޭ ދެއްކެވި ވާހަކައަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޞާލިޙު މި މޭރުމުން ވިދާޅުވީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔާ ރިޟްވާންގެ މަރުގެ މައްސަލާގައި އެމަނިކުފާނުގެ ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޞާލިހު ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުން ކަމަށެވެ.
ޞާލިޙުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ ފަރާތްތައް ދޫކޮށްލީ އަދުގެ ސަރުކާރުންކަމަށް ވިދާޅުވެ ކުރީގެ ރައީސް ޞާލިޙު ރޭގަ ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށާއި، އެ ފަރާތްތައް ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ކަމަށެވެ.
”އެ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް،“ – އުޝާމް ވިދާޅުވިއެވެ.
ޞާލިޙުގެ މި ވާހަކަތަކާ ގުޅިގެން އުޝާމްގެ އިތުރުން އެހެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ ޞާލިޙަކީ އަމިއްލައަށް ކުރި ހަޑި ސާފުކުރުމުގެ ގާބިލުކަން ވެސް ނެތް، އަމިއްލަ ޒިންމާއިން ރެކި ގަންނަން މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގައި ސިފަކުރަމުންނެވެ.












