Sunday, 26 July 2026

Ads by

ނޫސްވެރިންގެ އެންމެ ބޮޑު ހަތުރު މިއަދު ދިފާއުގައި، ހޯ ހޯ އެ ފުރުސަތެއް ދެން ނެތް!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެއް ދައުރެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދިޔަ އެ ވެރިކަމުގައި، ނޫސްވެރިންނަށާއި މީޑިއާ އައުޓްލެޓްތަކަށް އަމާޒުކޮށް ގިނަ ގުނަ އަނިޔާތަކާއި، ބިރުދެއްކުންތަކާއި، ގާނޫނީ ގޮންޖެހުންތައް ކުރިމަތިކުރުވިއެވެ. މި ދައުރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަދަބު ދިނުމަކީ އާންމު ކަމަކަށް ވެގެން ދިޔައެވެ.

އަބުރުގެ ގާނޫނާއި މީޑިއާތަކަށް ދިން ބިރުވެރިކަން

ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް އެންމެ ބޮޑު ހީނަރުކަމެއް އައީ 2016 ވަނަ އަހަރު ފާސްކުރި ”އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު“ ގެ ސަބަބުންނެވެ. މި ގާނޫނަކީ ނޫސްވެރިންގެ އަނގަ ބަންދުކޮށް، ސަރުކާރާ ދެކޮޅަށް ލިޔާ ލިޔުންތައް ހުއްޓުވުމަށް އުފެއްދި ވަރަށް ބާރުގަދަ ހަތިޔާރެކެވެ. މި ގާނޫނުގެ ދަށުން، ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުން ގެނެސްދޭ ޚަބަރުތަކަކީ އަބުރާ ބެހޭ ފަދަ ޚަބަރުތައް ކަމަށް ބުނެ، މިލިއަނުން ރުފިޔާގެ ޖޫރިމަނާތައް ކުރިއެވެ. ހާއްސަކޮށް ރާއްޖެ ޓީވީ ފަދަ އަމިއްލަ މީޑިއާތަކަށް މި ގާނޫނުގެ ބޭނުންކޮށްގެން ދިން ޖަލުގެ އަދަބުތަކާއި މާލީ ބޮޑެތި ޖޫރިމަނާތަކުގެ ސަބަބުން އެ މީޑިއާތައް ހިންގުން ބޮޑު ބުރައަކަށް ވިއެވެ.

މި ގާނޫނުގެ ސަބަބުން ނޫސްވެރިންގެ މެދުގައި ބިރުވެރިކަން އުފެދި، އަމިއްލައަށް ސެންސަރު ކުރުމުގެ އާދަ (ސެލްފް ސެންސަޝިޕް) އާންމުވިއެވެ. ކޮންމެ ލިޔުމަކާއި، ކޮންމެ ޕްރޮގްރާމަކަށް ފަހު ޖޫރިމަނާ ކުރާނެ ކަމުގެ ބިރު އޮތުމުން، ނޫސްވެރިންނަށް ޖެހުނީ ހަގީގަތްތައް ހާމަކުރުމަށް ފަސްޖެހޭށެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފު، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

ހަވީރު ނޫސް ބަންދުކުރުން: ތާރީހީ ނޫހެއްގެ ނިމުން

ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހުގައި އެންމެ ޒަމާންވީ އަދި އެންމެ އިތުބާރު ކުރެވޭ އެއް ނޫސް ކަމުގައިވާ ”ހަވީރު“ ނޫސް ބަންދުކުރަން ޖެހުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މި ނޫސް ބަންދުކުރީ ކޯޓު މެދުވެރިކޮށް ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިންނެވެ. ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު އުފެދުނު މައްސަލަތަކެއްގެ ތެރެއިން، ކޯޓުން ކުރި އަމުރަކާ ގުޅިގެން އެ ނޫސް ހިންގުން ހުއްޓާލަން ޖެހުނެވެ. މިއީ ހަމައެކަނި ނޫހެއް ބަންދުވުމެއް ނޫނެވެ؛ މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ބިންގަލުގެ ތެރެއިން ބޮޑު ބައެއް ވައްޓާލުން ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ.

ހަވީރު ނޫސް ބަންދުކުރުމުން، އެ ނޫހުގައި މަސައްކަތްކުރަމުން ދިޔަ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މުވައްޒަފުން މަގުމަތިވިއެވެ. މިއީ ސަރުކާރުން ބޭނުންވާ ގޮތަށް މީޑިއާތައް ނުގުޑާނަމަ، ގާނޫނީ އުކުޅުތައް ބޭނުންކޮށްގެން އެފަދަ މުއައްސަސާތައް ފުނޑާލެވޭނެކަމުގެ ވަރުގަދަ މެސެޖެއް މީޑިއާތަކަށް ލިބިގެން ދިޔަ ކަމެކެވެ.

އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުން

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ހިތްދަތި ހާދިސާތަކަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު ރަހުމުކުޑަ ގޮތަކަށް މަރާލުމެވެ. ރިލްވާން 2014 ވަނަ އަހަރު ގެއްލުނު ފަހުން، އެ މައްސަލަ ބެލުމުގައި ސަރުކާރުން ފިނޑިކަމާއި، ލަސްކަން ދެއްކިއެވެ. އެ މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ތުހުމަތު، ރިލްވާންގެ އާއިލާއިންނާއި އާންމުން ކުރަމުން ދިޔައެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު ޔާމީން ރަޝީދު މަރާލިއެވެ. މި ދެ ހާދިސާއަކީ ވެސް މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، މި ފަދަ ބޮޑެތި ޖަރީމާތައް ހިނގަމުން ދިޔަ އިރު، ރައީސް ޔާމީންގެ ފަރާތުން ފެނިގެން ދިޔައީ ނުހަނު ފަރުވާކުޑަ އަދި ބައެއް ހާލަތްތަކުގައި ނޫސްވެރިންނާ ދޭތެރޭ ވަރަށް ހަރުކަށި ބަސްތައް ބޭނުންކުރެއްވި ތަނެވެ. މި ހާދިސާތަކާ ގުޅިގެން އިންސާފު ހޯދައިދިނުމުގެ ބަދަލުގައި، ސަރުކާރުގެ ވެރިންގެ ފަރާތުން ފެނުނީ މައްސަލަތައް ފޮރުވުމަށް މަސައްކަތްކުރި ތަނެވެ.

ނޫސްވެރިންނާ ދުރުހެލިވުމާއި ބިރުވެރި މާހައުލެއް އުފެއްދުން

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރެއްވުން ވަރަށް މަދުކުރެއްވިއެވެ. ރަސްމީކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކުރިއެވެ. ޕްރެސް ކޮންފަރެންސްތައް ބޭއްވުން މަދުކޮށް، ސުވާލު ކުރުމުގެ ހައްގު ނޫސްވެރިންނަށް ލިބިފައި އޮތް ނަމަވެސް، އެކަމަށް ޖާގަ ނުދިނުމަކީ އެ ސަރުކާރުގެ ސިޔާސަތަކަށް ވެގެން ދިޔައެވެ. މީގެ އިތުރުން، ސަރުކާރުގެ އިސްވެރިންގެ ފަރާތުން ނޫސްވެރިންނަށް ބިރުދެއްކުމާއި، ޖެއްސުން ކުރުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ނޫސްވެރިންގެ އަގު ވައްޓާލުމުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ހިންގިއެވެ.

މި މާހައުލުގައި ނޫސްވެރިއަކަށް ވުމަކީ ބޮޑު ނުރައްކަލަކަށް ވިއެވެ. ތަހުގީގީ ނޫސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން އިންޒާރުތައް ދިނުމާއި، ފުލުހުންގެ ބަންދަށް ނޫސްވެރިން ގެންދިއުމަކީ އާންމު ކަމަކަށް ވިއެވެ. މިއީ މުޖުތަމައުގައި ހަގީގަތް ފޮރުވައި، ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިންގި ޖަރީމާތަކެއް ކަމުގައި ބުނެވިދާނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި މި އަނިޔާތަކާއި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި އަބަދުވެސް ކަޅު ލަފެއްގެ ގޮތުގައި ބާކީ އޮންނާނެ ކަންކަމެވެ. އަބުރުގެ ގާނޫނުން ފެށިގެން ނޫސްތައް ބަންދުކުރުމާއި، ނޫސްވެރިންގެ ފުރާނަ ގެއްލިގެން ދިއުމާ ހަމައަށް ހިނގި މި ހުރިހާ ކަމަކުން ވެސް ދޭހަވަނީ ވެރިކަމުގެ ބާރު ދެމެހެއްޓުމަށްޓަކައި މިނިވަން މީޑިއާތައް ފުނޑާލަން ކުރި މަސައްކަތްތަކެވެ. ކަންމިހެން ހުރިއިރު އާރާއި ބާރު އޮވެމެ، ނޫސްވެރިކަން ފުޑާލަން މަސައްކަތް ކުރެއްވި ބޭފުޅަކު މިއަދި ކުއްލިއަކަށް ”ހޮރުން ނުކުމެވަޑައިގެން“ ނޫސްވެރިކަމުގެ ދިފާއިގައި ބަސްބުނަން ފެށުމަކީ ބޮޑު ޖޯކެކެވެ. ނޫސްވެރިންނަށް ޔާމީންކުރި ތުރާތަކާއި ދިން އަނިޔާތައް އަދި ހަނދާން ނެތޭހާ ދުވަހެއްވެސް ނުމެވޭމެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް