އެމެރިކާ-އިޒްރޭލާއި އީރާނުގެ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތްކޮށް އެ ޤައުމުގެ ރައީސާ ބައްދަލުކޮށްފައިވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ބުނެފިއެވެ. މިއީ މި ދެ ފަރާތުން މިފަދަގޮތަކަށް ބައްދަލުކުރިކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައިވާ ގޮތުން، މި ބައްދަލުވުމުގެ ސަބަބުން އިޒްރޭލާއި ޔޫއޭއީގެ ގުޅުމަށް ”ތާރީޚީ ކުރިއެރުމެއް“ ވަނީ ލިބިފައެވެ.
މި ބައްދަލުވުމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާސް ނޫހަށް ބުނެފައިވާ ގޮތުގައި، ނަތަންޔާހޫ އާއި ޝެއިޚް މުޙައްމަދު ބިން ޒައިދު (އެމްބީޒެޑް) ބައްދަލުކުރީ މާޗް 26 ވަނަ ދުވަހު، އޮމާން ބޯޑަރު ކައިރީގައި އޮންނަ އަލް-ޢައިން ގައެވެ. އަދި މި ބައްދަލުވުން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށްވެސް އެ މަސްދަރުން ބުނެއެވެ.
އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ކަންކަން ކޯޑިނޭޓުކުރުމަށްޓަކައި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެރިޔާ ޑޭޑީ ބަރްނިއާ މަދުވެގެން ދެ ފަހަރަކު ޔޫއޭއީއަށް ޒިޔާރަތްކުރިކަމަށް އެ މަސްދަރުން ބުނެއެވެ. ޖާސޫސީ އިދާރާގެ ވެރިޔާގެ މި ދަތުރުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ.
ޚާއްޞަކޮށް އީރާނު ހަނގުރާމައިގެ ތެރޭގައި ޔޫއޭއީއަށް ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، އެ ޤައުމުން ވަނީ އެމެރިކާއާއި އިޒްރޭލާއި އޮންނަ ގުޅުން ވަރުގަދަކޮށްފައެވެ. އިޒްރޭލާ ޔޫއޭއީއިން ގުޅުން ރަސްމީކޮށް ގާއިމުކުރީ 2020 ވަނަ އަހަރުގެ ”އަބްރަހަމް އެކޯޑްސް“ ގެ ދަށުންނެވެ. ޔޫއޭއީއިން ދެކޭ ގޮތުގައި އިޒްރޭލާ އޮންނަ ގުޅުމަކީ ސަރަހައްދީ ނުފޫޒު ފޯރުވުމަށާއި އެމެރިކާ އާއި ސީދާ މުއާމަލާތްކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.












