”ދައުރު“ ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރަށް އުނިކަމެއް އަތުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައާ ގުޅިގެން އަޒާން ވަނީ ”ދައުރު“ ނޫސް ހިންގާ ”ނެކްސްޓް މީޑިއާ ގްރޫޕް“ އާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަޠީފާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައެވެ. މިއީ ”އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ“ މި ސުރުހީގެ ދަށުން ”ދައުރު“ ނޫހުން ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން އަޒާން ހުށަހެޅުއްވި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އަންނަ ހަފުތާގެ ހޯމަ ދުވަހު، ކޯޓަށް ހާޒިރުވުމަށް އަންގައި މޫސާ ލަތީފަށް ވަނީ ޗިޓް ވެސް ފޮނުވައިފައެވެ.
އަޒާން ވަނީ، މި ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. މީގެ އިތުރުން ބަދަލުގެ ގޮތުގައި 5،000 ރުފިޔާއާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހޭދަވި 28،670 ރުފިޔާއާއިއެކު ޖުމުލަ 33،670 ރުފިޔާ ނަގައިދިނުމަށް ވެސް ކޯޓުގައި އެދިވަޑައިގެންފައެވެ.
އަދި ހަމައެހެންމެ، ޝަރީއަތުން ވަކި ގޮތަކަށް މި މައްސަލަ ނިންމަންދެން އެ ލިޔުން ޝާއިއު ނުކޮށް އެ ލިޔުން ނަގައިދިނުމުގެ އަމުރަކަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.












