ސޫރިޔާގެ އެޓާނީ ޖެނެރަލް ހަސަން އަލްތުރްބާ އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެޤައުމުން ވަނީ ފިލައިގެން ރަޝިޔާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ސޫރިޔާގެ ކުރީގެ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދު އަނބުރާ ސޫރިޔާ އާއި ހަވާލުކުރުމަށް ރަޝިޔާގެ ކިބައިން ރަސްމީކޮށް އެދިފައެވެ.
ސޫރިޔާގެ މި އެދުމަށް ރަޝިޔާއިން އަދި އިޖާބަ ދީފައި ނުވި ނަމަވެސް ސޫރިޔާ އިން ދަނީ އިންޓަޕޯލާއި އެހެން ޤައުމުތަކާއި ގުޅިގެން އެޤައުމުން ފިލައިގެން އުޅޭ ކުރީ ސަރުކާރުގެ އޮފިޝަލުންނާއި ސިފައިން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ސޫރިޔާގެ އެޓާނީ ޖެނެރަލް އިތުރަށް ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަކީ އެކަންކަމަށް ދައުވާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކުށްތަކަކީ އަފޫ އާއްމު ދިނުމުގެ އަމުރުތަކުގެ ދަށުން މައާފު ކުރެވޭނެ ކަންކަމެއްވެސް ނޫނެވެ.
ސޫރިޔާ ސަރުކާރުގެ ދާޚިލީ ވުޒާރާގެ ދަށުން މިފަދަ ކުށްތަކުގެ ހެކިތަކާއި އަރޫޝީފުތައް ބެލުމަށް ވަކިން ޚާއްޞަ ޔުނިޓެއް އިފްތިތާހުކޮށް، އަނިޔާ ލިބިފައިވާ ފަރާތްތަކުން ސޫރިޔާގެ ކޯޓުތަކަށް ގޮސް ނުވަތަ ޤައުމުމް ބޭރުގައި ތިބެ ވަކީލުން މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ.












