އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމު ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އއ. ފެރިދޫ، ބިލަމަގުމާގެ، ޢަލީ ޢާމިރު (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 12 ވަނަ ދުވަހު ފެރިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މާލެއިން ފެރިދޫއަށް ދަތުރުކުރާ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ފެރިދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 75 ރަބަރު ޕެކެޓާއި 7 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޢަލީ ޢާމިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.












