އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.
މި ބޭސް ލިބޭނެގޮތަށް ކަނޑައަޅާފައި މިވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އިސްލާހުކުރައްވައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި، ނަންބަރު 10/2026 ގަރާރުންނެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް، 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާތީއެވެ.
ރައީސްގެ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިހާރު ވަނީ އަމަލުކުރަން ފަށާފައިވާއިރު، މި އިސްލާހާއެކު، އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ގާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ބޭސް ރާއްޖެއަށް އެތެރެކުރަން ހުއްދަ ދިނުމަކީ އޭޑީއެޗްޑީ ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް، ކަމާ ގުޅުންހުރި އިދާރާތަކުން ދެކެއެވެ.













