މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް ޑްރާފްޓް އެޕްލިކޭޝަންތަކާއެކު ޖުމުލަ 37،000 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މުއްތަލިބު ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދި 20،000 އަށްވުރެ އެޕްލިކޭޝަން މިހާތަނަށް ހުށަހަޅާފައިވާ އަދި ޑްރާފްޓް މަރުހަލާގައި 17،000 އަށްވުރެ އެޕްލިކޭޝަން ހިމެނޭ ކަމަށެވެ.
މި އަދަދުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރުކަން ފާހަގަކުރައްވަމުން މުއްޠަލިބް ވިދާޅުވީ، މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށެވެ. އެހެންކަމުން، ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރު ވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މި އަދަދުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކުގެ އަދަދު، މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާނަމަ،“ – މުއްޠަލިބު ވިދާޅުވިއެވެ.
މި ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ސްކީމްގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި، 7،900 ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 4،000 ދިނުމަށް ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. މީގެ އިތުރުން މާލޭގައި ރަށްވެހިވެފައިނުވި ނަމަވެސް މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1،500 ފުލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފުލެޓު ހިމެނެއެވެ.













