އެސޯސިއޭޝަން ފޯ ޕްރޮޓެކްޝަން އޮފް ސިވިލް ރައިޓްސް (އޭޕީސީއާރު) އިން ވަނީ، ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ލިބުނު ކާމިޔާބީއަށްފަހު ވެސްޓު ބެންގާލްގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާފައިވާ އަނިޔާވެރިކަމާއި ބިރުދެއްކުމުގެ ހާދިސާތައް ހިމަނައިގެން ރިޕޯޓެއް ނެރެފައެވެ.
މެއި 4 އަކުން މެއި 7 އަށް ހިންގާފައިވާ ކަންކަމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން މަދުވެގެން 8 ޑިސްޓްރިކްޓެއްގައި އަނިޔާވެރިކަމުގެ 34 ހާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ.
މި ހަމަލާތަކުގެ ސަބަބުން 2 މުސްލިމުން މަރުވެފައިވާއިރު، މަދުވެގެން 54 މުދަލަކަށް ހަމަލާދީ ނުވަތަ ގެއްލުން ދީފައިވާ ކަމަށާއި، އަދި މަދުވެގެން 50 މުސްލިމުންނަށް ”ޖިސްމާނީ ގޮތުން ނުވަތަ އެ ނޫން ގޮތްގޮތުން“ ގެއްލުން ލިބިފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.












