ނެޝަނަލް ޕޭ ކޮމިޝަނުން ޕޭ ހަރމަނައިޒް ކުރިއިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް، މިމަހު މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެލެއްވި ވައުދާ އެއްގޮތަށް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، ޕޭ ކޮމިޝަނުން ޕޭ ހަރމަނައިޒް ކުރަން އުޅުމުގެ ތެރޭގައި ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން، ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާއި ނުވަތަ މުސާރައަށް ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑަށް މި ފާހަގަވީ އެކި ސަބަބުތަކާހެދި ޕޭ ކޮމިޝަނުން ޕޭ ހަމަނައިޒް ކުރި އިރުގައި މުސާރަ ބޮޑު ނުވެ އެހެންނަމަވެސް ކުޑަ ވެސް ވެފައި ފަރާތްތައް ތިބިކަން، މިހާރު ހުރިހާ މައްސަލައެއް ރަނގަޅުކޮށް ހައްލުކޮށް އެ ނިމުނީ،“ – ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޕޭހަރމަނައިޒް ކުރެވުނުއިރު މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ ހިއުމަން ރިސޯސަސް ދާއިރާގެ މުވައްޒަފުންނާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ ބައެއް މަގާމްތަކުގައި ތިބި މުވައްޒަފުންނަށެވެ. ނަމަވެސް އެކަން މި މަހުން ފެށިގެން މި މައްސަލަ ހައްލުވެ، ލިބޭ މުސާރަ މިހާރަށްވުރެ ބޮޑުވާނެކަމުގެ ޔަގީންކަން ޕޭ ކޮމިޝަނުން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މީގެ ފަހުން ވެސް ޕޭ ހަރމަނައިޒް ކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ނަމަ ވަކިވަކިން ނަމަވެސް ކޮމިޝަނުން އެކަން ބައްލަވާ އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.













