ރައީސް މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް ’އަދަދު‘ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާއި ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން ބޭރުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ’އައިޝާ‘ ޑޮއިއުމަންޓާ ގުޅޭ ވާހަކަތަކާ ގުޅިގެން ރައީސް މުއިއްޒާ ޝަހުޒާން ސުވާލުކުރުމުން ރައީސް ވަނީ ކަނޑައެޅިގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަޅުވާ ކަމަށް ވިދާޅުވެފައެވެ.
އަދި ޝަހުޒާން ކޯޓު އަމުރާ ހިލާފުވެވެފައިވާ ކަމަށާއި އެހެންވެ ރައީސް އޮފީސް ދޫކޮށް ދިއުމަށް ރައީސް ވަނީ ޝަހުޒާނަށް އަންގައިފައެވެ.
”އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައީސް އޮފީސް ތެރޭ ’ރޫލް އޮފް ލޯ‘ ހިފެހެއްޓޭނެ ކަމަށެވެ. އެހެންވެ ޝަހުޒާން ރައީސް އޮފީހުން ނެރުނީ ސެކިއުރިޓީވެސް ބޭނުންކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން ’އައިޝާ‘ ޑޮކިއުމަންޓަރީގެ މައްސަލައިގައި ނެރެފައިވާ އަމުރުގައިވަނީ ބައެއް ކަންކަން ބަޔާންކޮށްފައެވެ.
- ’އަދަދު‘ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުން
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން
ކޯޓުން ބުނީ އޭގެން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން ޝަހުޒާންގެ މިއަދުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ.
ކޯޓުގެ ހުރުމަތް ކެނޑުމަކީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެކެވެ.













