އައްޑޫ ސިޓީގައި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް ”އައްޑޫ ބިޒްނަސް ޑައިލޮގް“ ގެ ނަމުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ފޯރަމަކީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސާފައިވާ ފޯރަމެކެވެ.
މި ފޯރަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ އެކި ސިނާއަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާއީ ދާއިރާތަކުގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ހާއްސަ ލުއިތަކެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމެވެ.













