ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާ ފަރާތްތަކަށް މައްކާގައި ހަމަޖެހިފައިވާ ހޮޓާތަކުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސް، ހޮޓާތަކުގެ ހިދުމަތްތައް ކުރީ އަހަރަށްވުރެ ފުރިހަމަކޮށްފިއެވެ.
ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ޙައްޖު ކޯޕަރޭޝަނުން ވަނީ ހޮޓަލުގެ މެނޭޖްމަންޓާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތަކާއި، ފަރުނީޗަރުތައް އާކުރުމުގެ އިތުރުން، ކާޕެޓާއި މުށިތައް ބަދަލުކޮށް ހޮޓަލުގެ ފެންވަރު ވަނީ ރަނގަޅުކޮށްފައެވެ. ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި އަހަރު ވަނީ އިތުރު ދޮންނަ މެޝިނު ވެސް ބަހައްޓައިފައެވެ.
މީގެ އިތުރުން، ދީނީ މައުލޫމާތުތަކާއި އިރުޝާދުތައް ޙައްޖުވެރިންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތަކަށް ވެސް ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދަރުސްތައް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ދަރުސްދޭ ދެ ހޯލަށް އެއްފަހަރާ ޕްރެޒެންޓޭޝަންތައް ފެންނާނެހެން ވަނީ އިންތިޒާމުތައް ހަމަޖައްސައިފައެވެ.
އަދިހަމައެހެންމެ، ޙައްޖުވެރިން މިނާގައި ހޭދަކުރާ ވަގުތުތަކުގެ އިންތިޒާމުތަކަށް ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ތިބޭ ސަރަހައްދުގެ ފާހަނާތަކުގެ އަދަދު 20 އިން 60 އަށް އިތުރުކޮށްފައިވާއިރު، މި އަހަރު ދިވެހިން ތިބޭ ޓެންޓަކީ ހަމައެކަނި ދިވެހި ޙައްޖުވެރިންނަށް އެކަނި ހާއްސަކުރެވިފައިވާ ޓެންޓެކެވެ.
ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާ ފުރަތަމަ ގްރޫޕް މައްކާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.













