ރާމަﷲ / ޤުދުސް – އިޒްރޭލުގެ އަސްކަރިއްޔާގެ ތެރޭގައި އޮތް ނަސްލީ ތަފާތުކުރުންތައް ވަރަށް ސާފުކޮށް ސާބިތުވާ އޯޑިއޯ ރެކޯޑިންގތަކެއް ލީކުވެއްޖެއެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގައި ހުންނަ އިޒްރޭލު ސިފައިންގެ އެންމެ އިސް ކޮމާންޑަރު، މޭޖަރ-ޖެނެރަލް އަވީ ބްލޫތްގެ ލީކުވެފައިވާ އޯޑިއޯތަކެއްގައި، ސިފައިންނަށް ވަރަށް ސާފުކޮށް އަންގާފައިވަނީ ”ބަޑިޖަހަންވާނީ ފަލަސްޠީނު މީހުންނަށް ކަމަށާއި، ޔަހޫދީ ވަޒަންވެރިންނަށް ބަޑިޖަހައިގެން ނުވާނެ“ ކަމަށެވެ.
ދެފުށްދެގޮތްކަމުގެ ނިޒާމު
މި ލީކުވި އޯޑިއޯތަކުން، އިޒްރޭލުން އަމިއްލަ ދިފާޢުގައި ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ދޮގުކަން ވަނީ ހާމަވެފައެވެ. ރެކޯޑިންގގައި ކޮމާންޑަރު ވަނީ، ހިލަ އުކާ ފަލަސްޠީނު މީހުންގެ ގަޔަށް ބަޑިޖަހައި މަރާލި ނަމަވެސް، ހަމަ އެ އަމަލު ހިންގާ ޔަހޫދީ ވަޒަންވެރިންނަށް ޙަމަލާ ނުދިނުމަށް އަންގާފައިވާކަން އެއްބަސްވެފައެވެ. މިއިން ދައްކައިދެނީ، ގަވާއިދާ ޚިލާފަށް އުޅޭ ޔަހޫދީ ވަޒަންވެރިންނަށް އެއްވެސް ފިޔަވަޅެއް ނާޅައި، ފަލަސްޠީނު ރައްޔިތުންނަށް މަރުގެ ޙަމަލާދިނުމަކީ އިޒްރޭލުގެ މުއައްސަސާތަކުގެ ތެރޭގައި ސިސްޓެމިކްކޮށް އޮތް ސިޔާސަތެއް ކަމެވެ
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ޒަމާންތަކެއް ވަންދެން ބުނަމުން އައީ އިޒްރޭލުން ހުޅަނގު އައްސޭރީގައި ދެ ނިޒާމެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ފަލަސްޠީނު މީހުންނަށް އަސްކަރީ ޤާނޫނުތައް ހިންގާއިރު، ޔަހޫދީންނަށް އޮންނަނީ މަދަނީ ޤާނޫނުތަކެވެ. ނަމަވެސް މި އޯޑިއޯތަކާއެކު، މިއީ ހަމައެކަނި ގޯސްކޮށް އުޅޭ މަދު ސިފައިންތަކެއް ކުރާ ކަމެއް ނޫންކަމާއި، މިއީ ސީދާ މަތިން އަންގައިގެން ހިންގާ ނަސްލީ ތަފާތުކުރުމުގެ (އަޕާތައިޑް) ޖަރީމާއެއްކަން ވަނީ ޔަޤީންވެފައެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފެއިލްވުން
މިކަމުގެ ސަބަބުން، ހުޅަނގުގެ ޤައުމުތަކުން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ގެންގުޅޭ ސިޔާސަތުތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތުން ހަތިޔާރު ދިން ނަމަވެސް، އިޒްރޭލުގެ ރަސްމީ ސިޔާސަތަކީ ނަސްލަށް ބަލައި މީހުން މެރުންކަން މިވަނީ ހާމަވެފައެވެ. މިކަން އެނގިތިބެ އަދިވެސް ހަތިޔާރު ދިނުމަކީ، މި އަނިޔާވެރި ނިޒާމުގައި ބައިވެރިވުން ފަދަ ކަމެކެވެ.











