ރާއްޖެއިން ހަންޓާވައިރަސްގެ އެއްވެސް ކޭސްއެއް ނުވަތަ ވޭދަނައެއް މިހާތަނަށް ފެނިފައި ނުވާ ކަމަށާއި، މި ބަލީގެ ނުރައްކާ ނުވަތަ ހިރާސް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުން ހަންޓާވައިރަސްގެ ވޭދަނަތައް ފެންނަމުންދާތީ، އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ ކްރޫޒްލައިނާއަކުންނެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ވޭދަނައެއް ފެނިފައި ނުވާ ކަމަށާއި، އަދި މި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ރާއްޖޭން ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ނުވަތަ ރިސްކު ވަރަށް ކުޑަ ކަމަށް އެ އެޖެންސީން ވަނީ ހާމަކުރައްވާފައެވެ.
ހަންޓާ ވައިރަސް އާއި ގުޅޭ:
🔸 ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، WHO މެދުވެރިކޮށް މި އެޖެންސީން ދަނީ މިކަން މޮނިޓަރކުރަމުން.
🔸 މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި…— Health Protection Agency (@HPA_MV) May 8, 2026
އެޗްޕީއޭއިން އިތުރަށް ވިދާޅުވި ގޮތުގައި، މި ބައްޔާ ގުޅޭގޮތުން ދުނިޔޭގެ ސިއްހީ މައިދާނުގައި ހިނގަމުންދާ ކަންކަމާއި، އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އެ އެޖެންސީން ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުން ގެންދާނެއެވެ.
ހަންޓާވައިރަސް އަކީ އާންމުކޮށް މީދަލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ، ސިއްހީ މާހިރުން ދަނީ މިކަމަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ.













