ހެޔޮ ގޮތުގައި ވެވޭ ޙައްޖަކީ ސުވަރުގެ ލިބުމުގެ މަގެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ހެއު ގޮތުގައި ވެވޭ ޙައްޖު“ މި މައުޟޫޢުގެ މައްޗަށެވެ. މުސްލިމް އުންމަތަށް ދެއްވި މި މެސެޖުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެފައިވާ މީހާ، އެކަމަށް އަވަސްވެގަތުމަށް ބާރުއަޅުއްވާފައިވެއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޙައްޖު ވާޖިބުވުމަށްފަހު އެކަން އަދާކުރުމަށް ލަސްކޮށްގެން ނުވާނެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ފަރުޟު ޙައްޖު އަދާކުރުމަށް އަވަސްވެގަތުމަށާއި، އެމީހަކަށް ކުރިމަތިވާނީ ކޮންފަދަ ހާލަތެއްކަން އެކަކަށްވެސް ނޭނގޭނެ ކަމަށެވެ. ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބެއް ކަމަށާއި، އެއަށްވުރެ ގިނައިން އެ އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ރަސޫލުﷲ ﷺޙަދީޘް ކުރައްވައިފައި ވެއެވެ.
(اَلْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِّمَا بَيْنَهُمَا، وَالْحَجُّ الْمَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ) މާނައީ: ”عُمْرَةވުމަކީ، ދެ عُمْرَة ދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ކައްފާރާއެކެވެ. އަދި ފާފަތަކުން އެއްކިބާވެ ހެއު ގޮތުގައި ވެވޭ حجّއަށް ހަމަކަށަވަރުން ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ.“
ޙައްޖުގެ އަޅުކަމަށް ކެރިކުޅަދާނަވުން ބިނާވެގެންވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން ކުޅަދާނަވުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ. ޚުޠުބާގައި ވިދާޅުވީ، ފާފަތަކުން އެއްކިބާވެ ހެއު ގޮތުގައި ވެވޭ ޙައްޖަކަށް (ޙައްޖު މަބްރޫރަކަށް) ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވާ ކަމަށެވެ.
މަޤުބޫލު ޙައްޖަކަށް ހެދުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
އިޚްލާޞްތެރިކަން: ހަމައެކަނި ﷲގެ ވަޖުހުފުޅަށްޓަކައި، ދެއްކުންތެރިކަމެއް ނެތި އަޅުކަން އަދާކުރުން.
ޙަލާލު މުދާ: ޙައްޖަށް ކުރާ ޚަރަދަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާ ކަމުގައިވުން.
ތައުބާވުން: ޙައްޖަށް ދިއުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަނިތައް ލިޔެ ބެލެހެއްޓުން.
އުނގެނުން: ޙައްޖުގެ ޙުކުމްތަކާއި އަދާކުރާނެ ގޮތް ރަނގަޅަށް ދަސްކުރުން.
ހެއު ގޮތުގައި ޙައްޖު ވެވުނުކަމުގެ ޢަލާމާތަކީ، ޙައްޖަށްފަހު އެމީހެއްގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، ﷲ މަނާކުރެއްވި ކަންކަމުން ދުރުހެލިވެ، ކިޔަމަންތެރިކަން އިތުރުވުން ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
ޙައްޖުގެ މައްސަރުތަކަކީ ޝައްވާލް، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ފާހަގަކުރައްވައި، ޢަރަފާތް ދުވަހު ޢަރަފާތް ބިމުގައި ހުރުމަކީ ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމާއި، އެ ރުކުން ފާއިތުވެއްޖެ މީހަކަށް އެ އަހަރުގެ ޙައްޖު ނުލިބޭނެކަންވެސް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްދެއްވިއެވެ.













