އެމެރިކާ އާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް އަނެއްކާވެސް ދެފަރާތުން މަޝްވަރާގެ މަޖިލީހަށް އައިސް ހަނގުރާމަ ހުއްޓާލާނެކަމަށް ޚަބަރުތައް ފެތުރިފައިވަނިކޮށް، ހޮރްމޫޒް ކަނދުއޮޅީގައި އަލުން ދެފަރާތުންވެސް ހަމަލާތަކެއް ދީފިއެވެ.
ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ތުޙުމަތުކޮށްފައިވާއިރު، އީރާނުގެ ނޭވީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ހަނގުރާމަ މަޑުއްޖައްސާލުމުގެ އެއްބަސްވުމާއި ޚިލާފުވެ އީރާނުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ހޮރްމޫޒް ކަނޑުއޮޅި އާއި ދިމާލަށް އަންނަން ފެށުމާއިއެކު ބޮޑު އޮޕަރޭޝަނެއް އީރާނުން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި އެމެރިކާގެ މަނަވަރުތައް ދަތުރުކުރަނިކޮށް އެއްވެސް ސަބަބެއް ނެތި އީރާނުން ހަމަލާދިނުމުގެ ސަބަބުން ދިފާއުގައި އެމެރިކާގެ މަނަވަރުން ވަނީ ރައްދު ހަމަލާދީފައެވެ. އަދި ހަމަލާދިނުމަށް ބޭނުންކުރި އީރާނުގެ އަސްކަރީ ފެސިލިޓީތަކަށް ވަނީ ބޮންވެސް އަޅާފައިކަމަށް ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޓުރަމްޕު ވަނީ އީރާނަށް ދިން ވައިގެ ހަމަލާތަކަކީ ”ލޯބިން ފިރުމާލުމެއް“ ކަމަށް ސިފަކޮށް އަދިވެސް ހަނގުރާމަ މަޑުޖައްސާލުމުގެ އެއްބަސްވުން ދެމިއެބަ އޮތްކަމަށް އޭބީސީ ނޫހަށް ބުނެފައެވެ.













