އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި މުއައްސަސާތަކުގެ ގާބިލުކަން ވަރުގަދަކުރުމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަގުވާމީ ސެމިނާއެއް ފަށައިފިއެވެ.
މި ސެމިނާއަކީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން، އިސާއިން އިންތިޒާމުކޮށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވާ ސެމިނާއެކެވެ.
ކްރޮސްރޯޑުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބަނޑާރަ ނައިބު އަލްއުސްތާޒު އަހުމަދު އުޝާމެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި މި ސެމިނާގައި، އޭޝިއާ ސަރަހައްދުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސޯނީ ނުތަނަވަސްކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެ ކަމަށް ބުންޏެވެ.
ސެމިނާގެ މައިގަނޑު ތިން ދާއިރާ
- އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުން
- މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުވުން
- މަކަރާއި ހީލަތް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުން
އިނގިރޭސި ބަހުން ކުރިއަށްގެންދާ މި ޓެކްނިކަލް ސެމިނާގައި އޭޝިއާ، ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ އިސާގެ މެމްބަރު ގައުމުތަކާއި ޖަމިއްޔާތަކުން ބައިވެރިވެއެވެ.













