ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެެންއެފް) އިން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން އަންނާތީ އެ ޕާޓީއާއި މެދު ފިޔަވަޅުއަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.
އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.
ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމާއި، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށް ވެސް އީސީން ބުންޏެވެ.
އީސީން ވަނީ ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކާއި އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ، މިފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފްއަށް ދައުވަތު ދީފައިވީ ނަމަވެސް، އެ ޕާޓީން ކޮމިޝަނަށް ހާޒިރުވުމަށް އިންކާރުކޮށްފައިވާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިފަދަ ނޭދެވޭ އަމަލުތައް ޕީއެންއެފްގެ ފަރާތުން ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އިލެކްޝަންސް ކޮމިޝަނުން އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފްއިން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކުގައި އެ ޕާޓީގެ އިސްފަރާތްތަކާއި މުޒާހަރާގެ ބައިވެރިން އަންނަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އެތައް ކަމެއް މަގުތައް މައްޗަށް ނުކުމެ ކުރަމުންނެވެ. އޭގެ ތެރޭގައި ބޭއަދަބީ ވައްތަރު ޖެއްސުމާއި ބޭއަދަބީ ވާހަކަތައް ދެއްކުންފަދަ ނާތަހުޒީބު އެތައް ކަމެއް އެ ޕާޓީން އަންނަނީ ކުރަމުންނެވެ.












