ދިވެހިރާއްޖެއިން ސްރީލަންކާއާއިއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މި ރަސްމިއްޔާތުގައި ދެބޭފުޅުން އިންދަވާފައިވަނީ “ހޯސްފީލްޑިއާ އިރީއޫގެޑީ“ ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ހާއްސަ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގަހެކެވެ.
މި ހަރަކާތަކީ، ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި، ސިޔާސީ ގުޅުމާއި ޒަމާންވީ އެކުވެރިކަން ދެމިއޮތްކަން ރަމްޒުކޮށްދޭ ހަރަކާތެކެވެ. މީގެ އިތުރުން މިއީ ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ދެ ގައުމުން ކުރާ ގުޅިފައިވާ މަސައްކަތްތައް ހާމަކޮށްދޭ ރަމްޒެއްވެސް މެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ހަރަކާތަކީ ރައީސް މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެގެ ދައުވަތަކަށް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.
1965 ޖުލައި 26 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރި ފަހުން މިއަދާއި ހަމައަށްވެސް، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަނީ ބަދަހި އެކުވެރި ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ މެދުގައި އޮތް އިހްތިރާމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށެވެ.












