ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ދެބޭފުޅުން ވެސް ވަނީ، މެހުމާންދާރީ އާއި ފަތުރުވެރިކަން، ސިއްހަތު، ތައުލީމު، ތަމްރީން އަދި އެނޫންވެސް އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއާއި ގުޅުންހުރި ދާއިރާތަކުން ދެ ގައުމުން ގެންގުޅޭ ރަހުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ އަޒުމުގައި ތިއްބެވިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ގައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ގައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފައެވެ.
މި ދެބޭފުޅުންގެ ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން، ރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ހިދުމަތްތަކާއި، ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ގައުމުގެ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ މާނަހުރި ހިދުމަތްތަކުގެ އަގުވަޒަންކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރ ކުމާރަ ޑިސަނާޔަކެގެ ދައުވަތަކަށް މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހާއި ހަމައަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.













