ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ފުނަގަސްތައް ކެނޑުމުގެ ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ނުގެންގުޅޭ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ ތިން ޓަވަރުގެ މަސައްކަތްކުރަން ނިންމާފައިވަނީ ގަސް ނުކަނޑާ ގޮތަށް ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެއް ޓަވަރުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބައެއް ކުދި ގަސްތަކުގެ ގޮފިތައް ކަނޑަންޖެހޭ ކަމަށެވެ.
”އެއްވެސް އިރަކު ވިލިމާލޭގެ ފުނަގަސްތައް ކެނޑުމުގެ ޕްލޭނެއް ސަރުކާރަކު ނެތް,“ – މުއްޠަލިބް ވިދާޅުވިއެވެ.
ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށްޓަކައި ފުނަގަސްތައް ކަނޑަން އުޅޭކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމައިފައެވެ. މިކަން ހާމަކުރައްވަމުން މުއްޠަލިބް ވިދާޅުވީ، މި މަޝްރޫއުގެ ޕްލޭން ބަދަލުކުރުމުން ވެސް ވިލިމާލޭގައި ފްލެޓް އެޅުމުގެ ބޭނުމެއް ނެތްކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ކަމަށެވެ.
މުއްޠަލިބް ވިދާޅުވީ، ވިލިމާލޭގައި ހައުސިންގ ޔުނިޓްތައް ތަރައްގީކުރަން މަޖުބޫރުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުގައި ހުރި ހުރިހާ ހުސް ބިމެއް ގޯތީގެ ގޮތުގައި ދީ, ހައުސިންގ ޔުނިޓްތައް ތަރައްގީކުރާނެ އިތުރު ޖާގައެއް ނެތުމުގެ ސަބަބުން ކަމަށެވެ.













