ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ޕީއެންސީން ފާހަގަކޮށްފި
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މީޑިއާތަކަށާއި ނޫސްވެރިންނަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހޫނު ތަހުނިޔާއެއް ފޮނުވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ މި ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ދިރުމާއި މަރު ބިނާވެފައިވާ އެންމެ މުހިންމު އަސާސް ކަމަށެވެ. އަދި ރައްޔިތުންނަށް ތެދު މަޢުލޫމާތު ލިބުމަކީ ރަނގަޅު ނިންމުންތައް ނިންމުމަށްޓަކައި ކޮންމެހެން ބޭނުންތެރި ޟަރޫރީ ކަމެއްކަން އެ ޕާޓީން ފާހަގަކުރިއެވެ.
ޕީއެންސީގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާމަކަންބޮޑު ޖަވާބުދާރީވަނިވި ދައުލަތެއް ދެމިއޮންނާނީ ދައުލަތުގެ ބާރުތަކުގެ މައްޗަށް ފާރަވެރިވެ، ތެދުވެރިކަމާއެކު ޙަޤީޤަތް ބަޔާންކޮށްދޭ މިނިވަން ނޫސްވެރިކަމެއް އޮވެގެންނެވެ. ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު، ފަރުދުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ މަސްލަހަތަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިންކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
”އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޚުލާޤީ މިންގަނޑުތަކުގެ ތެރޭގައި ސުލޫކު ބެހެއްޓުމަކީ ދީނީ އަދި އަޚުލާޤީ ޒިންމާއެއް،“ ޕީއެންސީގެ ބަޔާނުގައިވެއެވެ.
ޒިންމާދާރު ނޫސްވެރިކަމަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން، ދައުލަތުގެ އެންމެ އިސްވެރިޔާއިން ފެށިގެން ވަޒީރުންނާއި އިދާރާތަކުގެ ވެރިން އިންތިޒާމީ ގޮތެއްގައި މީޑިއާތަކަށް މަޢުލޫމާތު ދެއްވައި ޖަވާބުދާރީވެވަޑައިގަތުމަކީ މީގެ ކުރިން ރާއްޖޭގައި ފެނިފައިނުވާ އައު ސަގާފަތެއްކަން ޕާޓީން ފާހަގަކުރިއެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު ތަޢުރީފު ޙައްޤު ފިޔަވަޅެއްގެ ގޮތުގައި ޕީއެންސީން ސިފަކުރިއެވެ.
ޕީއެންސީގެ ސަރުކާރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި، ދިވެހި ނޫސްވެރިންނަކީ ފަންނީ ގޮތުން ޤާބިލު، ޒަމާނީ ބަދަލުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ޕާޓީން ވަނީ އަރުވާފައެވެ. އެ ޕާޓީން އަބަދުވެސް ހިތްވަރު ދޭނީ ތެދު ޙަޤީޤަތް ހާމަކުރާ ޒިންމާދާރު ނޫސްވެރިކަމަކަށް ކަމަށް ބުނެ، ދިވެހި ނޫސްވެރިކަމަށް އުޖާލާ މުސްތަޤުބަލަކަށް އެދިފައިވެއެވެ.













