ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި މިނިވަން އަދި މުސްތަގިއްލު ނޫސްވެރިކަމެއް ދެމެހެއްޓުމަށް ސަރުކާރުން ފުރިހަމައަށް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ވެރިކަމެއް ހިންގުމުގައާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމަށް ފަހި މާޙައުލެއް ބިނާކުރުމަށްޓަކައި މީޑިއާގެ ދާއިރާއަށް ކުރާ ހޭދައަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
As we observe the World Press Freedom Day, we recognise its significance in appreciating the individuals and organisations that uphold press freedom and protect the right to information. Today and always, the Government remains committed to supporting a free and independent…
— Dr Mohamed Muizzu (@MMuizzu) May 3, 2026
ނޫސްވެރިންގެ ކިބައިގައި ހުރި ހިތްވަރާއި، އިޚްލާޞްތެރިކަމާއެކު އާންމު މަޞްލަޙަތަށް ޚިދުމަތްކުރުމަށް ކުރާ މަސައްކަތަށް ރައީސް ތަޢުރީފު ކުރެއްވިއެވެ. ހަމައެއާއެކު، ހުރިހާ ނޫސްވެރިންވެސް މި މިނިވަންކަމުގެ ބޭނުން ހިފާއިރު، ޒިންމާދާރުކަމާއެކު ތެދުވެރި، ވަކިފަރާތަކަށް ނުޖެހޭ، އަދި އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚަބަރުތައް ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.













