ކުރިމަތިފަރާތުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިންގވިއު، އާމިނަތު ޝަފަޤު (30 އަހަރު) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ 30 އެޕްރީލް 2026 އިން ފެށިގެން 30 މޭ 2026 ގެ ނިޔަލަށް ކަސްޓޯޑިއަލް ޖަލެއްގައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އާމިނަތު ޝަފަޤު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން އޭނާ އެކްސްރޭ ކޮށްގެން ބެލިބެލުމުން، އޭނާގެ ކުރިމަތި ފަރާތުގައި (ޖިންސީ ގުނަވަނުގައި) އެއްޗެއް ފޮރުވާފައި ހުރިކަން އެނގިފައިވެއެވެ. ފުލުހުން އޭނާއާ ސުވާލުކުރުމުން އެއީ ’ކޮކޭން‘ ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
މީގެ އިތުރުން، މި ތަކެތި ރައްދުކުރަންޖެހޭ ފަރާތާ މުއާމަލާތްކޮށް، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގާ ދިނުމުން، އެ ބަލާފާސްކުރިއިރު އޭގެ ދޭތެރޭގައި ފޮރުވާފައި އިން ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. މި ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.













