ކިނބިދޫގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
”އެކި“ އަށް އެނގިފައިވާ ގޮތުގައި ކިނބިދޫގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ޑްރަގާ ގުޅުންހުރި މައްސަލައެއްގައި އެ ރަށުގެ ދެ މީހެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައެވެ.
ވަޅި ހަރައި، މީހަކު ޒަހަމްކޮށްލީ މިރޭ 8:30 ހާއިރުއެވެ.
”ކޮނޑު ކައިރިއަށް ވަޅި ޖެހީ. މިހާރު ދެތިން ދުވަސް ވެއްޖެ އެ މީހުންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭތާ“ އެ ރަށުން ”އެކި“ އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި ވަޅި ހެރުމުން ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ވޭމަންޑުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކުރިކަމެއް ސާފެއް ނޫނެވެ.
މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ތ. ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް 2026 އޭޕްރީލް 29 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަން ފުލުހުންވެސް ކަށަވަރު ކޮށްދިނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ޑްރަގާ ގުޅުންހުރި މައްސަލައެއްގައި ކިނބިދޫގައި މީހަކަށް ވަޅިން ހަމަލާދިންއިރު، މި ފަހުން ވަނީ އައްޑޫ ސިޓީގައިވެސް ޑްރަގާ ގުޅުންހުރި މައްސަލައެއްގައި މީހެއްގެ ގަޔަށް ވަޅި ޖަހައިފައެވެ.













