ދިވެހި މަސްވެރިން ބިކަކޮށް، އޮޑިދޯނިފަހަރަށް ބިދޭސީން އެރުވުމުގެ ސަގާފަތް އުފެއްދީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށާއި މަސް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް ތަރައްގީކުރުމަށް ސައުދީ ސަރުކާރުގެ ފަރާތުން 16 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، 2023 ވަނަ އަހަރު ވެރިކަމުން ފައިބައިގެން ދިޔައިރު އެ ފައިސާއިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އެ ދުވަހު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް އެ ފައިސާ ބޭނުންކުރިނަމަ ފެލިވަރުގެ މަސް ފެކްޓްރީ މިއަދު ހުންނާނީ އަޕްގްރޭޑް ކުރެވިފައި ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިންނާއި މެދު ވީ އިހުމާލުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ފަސް އަހަރުވެގެން ދިޔައިރު ވެސް އެމްޑީޕީއަށް ގޭދޮށު މަސްފެކްޓްރީތައް ނޭޅުނު ކަމަަށާއި، މަސްވެރިންނަށް ބޭނުންވާ ތެޔޮ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެވިފައިނުވާ ކަމަށެވެ. މީގެ އިތުރުން އިންތިހާބު ބޯމަތިވެފައިވަނިކޮށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކަކަށް ބޮޑުކުރި ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ”ބައި ރުފިޔާ“ ވެސް ކުރީ ސަރުކާރަށް ދެވިފައިނުވާ ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަން ކުރިއެރުވުން ކަމަށާއި، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މަސްވެރިން މަސައްކަތްކުރާ ސަރަހައްދުތަކަށް ވަގަށް ވަނުން ހުއްޓުވުމަށް ގެނެވޭ މުހިންމު އިސްލާހެއް ކަމަށް ޝުޖާއު ވަނީ އިތުރަށް ވިދާޅުވެފައެވެ.












