ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރިއިރު ”ހަނުހުރި“ ޕެންޝަން އޮފީހުގެ ކުރީގެ ބޯޑު މެންބަރު ސަރުވަޝް އާދަމް އެމްޑީޕީއާ ގުޅިއްޖެއެވެ.
ސަރުވަޝް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދިނީ، 22 އޮކްޓޯބަރު 2025 ގައެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ ކަމަށް ބުނާ މައްސަލައިގައެވެ.
ސަރުވަޝް މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތްކަން އިއުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއާ ގުޅިވަޑައިގަތީ، ރާއްޖެއަށް ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވުމަށް ކަމަށާއި ހަރުދަނާ މުއައްސަސާތަކާއި ތަނަވަސް ފުރުސަތުތަކާއި އުފެއްދުންތެރި މަސައްކަތްތަކާއި ދެފުށް ފެންނަ ޖަވާބުދާރީ ދައުލަތެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސޯދެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް ވިދާޅުވިއެވެ.
”މިއީ ގައުމަށް ފައިދާހުރި އިސްލާޖީ އަދި ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް އެޅުނު ފިޔަވަޅެއް“ ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގަތްއިރު އެމްޑީޕީގެ ވެރިކަމުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ޗާޕުކުރިއިރު، އެ މައްސަލަތަކާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީ ”ސައިލެންޓު‘ ކޮށެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާޢްޖޭގެ އިޤްތިސާދު ފުން ވަޅުގަނޑަކަށް ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ގޮތެއް ފޮތެއް ނުބަލައި އެމްޑީޕީން ފައިސާ ޗާޕުކުރުމެވެ. އެމްޑީޕީގެ 5 އަހަރުގެ ދައުރުގައި ވަނީ ވޭތުވެދިޔަ 40 އަހަރުގައި ޗާޕުނުކުރާވަރަށް ފައިސާ ޗާޕުކޮށްފައެވެ.
މިހުރިހާ ކަމެއް ހިނގާދިޔައިރު ސަރުވަޝް ހުންނެވީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އެފަހުން ސަރުވަޝް ހުންނެވީ ޕެންޝަން ބޯޑުގައެވެ.
މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް ޕެންޝަންބޯޑުން އިސްތިއުފާ ދެއްވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ޕެންޝަން އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެންކަމަށް ބުނެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ 5 އަހަރު ހައްދެއް ނެތި ފައިސާ ޗާޕުކުރި އިރު ހަނު ހުންނެވުމުން ގިނަ ބައެއްގެ ފާޑޫކިޔުން ސަރުވަޝްއަށް އަމާޒުވެފައި ވަނިކޮށް ކުއްލިއަކަށް ސިޔާސީ ދާއިރާއަށް ޝައުޤުވެރިކަން ފާޅުކޮށް އެމްޑީޕީއާ ގުޅެން ނިންމުމުން އަނެއްކާވެސް އާންމުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.









