ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ޝާއިއުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާއި ގުޅިގެން އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި މެނޭޖިންގ އެޑިޓަރު ޙަސަން މުޙައްމަދު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
އެ ދެ މީހުން ފުލުހަށް ހާޒިރުވުމަށް އަންގާފައި މިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެ ނޫސް ހިންގާ އޮފީސް ބަލައިފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ގެންގޮސްފައިވަނިކޮށެވެ. މި ދެ މީހުންގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.
ފިޔާޒާއި ޙަސަންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިޔާޒާއި ޙަސަނަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި އެ ދެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، ފުލުހުންގެ އިދާރާއަށް ހާޒިރުކުރާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ”އަދަދު“ ނޫހުން ޝާއިއުކުރި ”އައިޝާ“ ޑޮކިއުމެންޓްރީ އާންމުކުރުމުގައި އެ ދެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލައިގައި ސުވާލުކުރުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ އިތުރުން ދީނީ އިލްމުވެރިންނާއި އާންމުގެ ގިނަ ބަޔަކު އަންނަނީ މި ޑޮކިއުމެންޓްރީ ޝާއިއުކުރުމުގައި ހަރަކާތްތެރިވި އެންމެންނާއި މެދު ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ.













