ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫސް ހިންގާ އިމާރާތަށް ފުލުހުން ވަދެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައިނުވި ނަމަވެސް ފުލުހުން އެ އޮފީސް ބަލައިފާސްކުރަމުންދަނީ، ހުސްވި މާރިޗު މަހުގެ 28 ވަނަ ދުވަހު ”އައިޝާ“ ގެ ނަމުގައި އެ ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް އަަދަދު ނޫހުގެ އިސްވެރިން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަދަދު ނޫސް ހިންގާ އޮފީހަށް ވަދެފައިވަނީ އެ ޑޮކިއުމަންޓްރީގައި ރައީސް މުޢިއްޒަށް އަމާޒުކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައި، އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީގައި ވަނީ ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި، އެމަނިކުފާނުގެ އަބުރު ކަތިލުމަށް މަސައްކަތްކޮށްފައެވެ. އެ ޑޮކިއުމެންޓްރީގައި ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި ”އައިޝާ“ ވަނީ އޭނާއަކީ ޒިނޭކުރާ މީހެއް ކަމަށް އިއުތިރާފްވެ އެކަމުގައި އޭނާއަށް އާންމުންގެ ސަޕޯޓު ބޭނުންވާކަމަށް ބުނެފައެވެ.
މި ޑޮކިއުމެންޓްރީއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އަދި އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންގެ އިތުރުން އެ ނޫހަށް އިންޓަރވިއު ދިން ”އައިޝާ“ އަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.













