މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 3 ޓަވަރުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކޮށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ގަބޫލުކުރައްވާ ހަގީގަތެއް ކަމަށެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އެތައް ހާސް އާއިލާއެއް ދަތި ހާލުގައި ދިރިއުޅެމުންދާތީ އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ބިންތަކަކީ މިހާރު ވެސް ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތަކެއް ނަމަވެސް، ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށް ބޭނުންވާ ބިން ހޯދުމަކީ ސަރުކާރަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ހުރި ފުނަގަސްތައް ނުކަނޑައި މަޝްރޫއު ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމައިފަ،“ – މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވިލިމާލޭގެ ފެހިކަން އެކުލެވޭ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކެނޑުމަށްފަހު ހައުސިންގ މަޝްރޫއުތައް ހިންގަން ސަރުކާރުން ނިންމުމާއި ގުޅިގެން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައެއް ޖަމުއިއްޔާ ޖަމާއަތްތަކުން އަންނަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ.












