އިސްލާމީ ހަނގުރާމަވެރިންނާއި އަޒަވާދު ހަނގުރާމަވެރިން ގުޅިގެން ހުޅަނގު އެފްރިކާގެ މާލީގައި އިއްޔެ ދީފައިވާ ކުއްލި ހަމަލާތަކުގައި ވަނީ އެޤައުމުގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ސާޑިއޯ ކަމާރާ މަރުވެފައެވެ.
މާލީގެ ކޫލިކޯރޯ ސަރަހައްދުގައި ހުންނަ އެންމެ ބޮޑު ޝަހަރު ކާޓީގައި ހަނގުރާމަވެރިން ޑިފެންސް މިނިސްޓަރުގެ ގެއަށް އަމާޒުކޮށް ކާރުގައި ބޮންހަރުކޮށްގެން ދީފައިވާ ޖާނުން ފިދާވުމުގެ ހަމަލާގައި އޭނާގެ އިތުރުން ދެވަނަ އަންބިމީހާ އާއި، ދެ ކާފަދަރިންވެސް މަރުވެފައިވާ ކަމަށް މަޞްދަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސާޑިއޯ ކަމާރާ އަކީ ހުޅަނގުގެ ނުފޫޒުން ނެއްޓި އެޤައުމު ރަޝިޔާ އާއި ޢަސްކަރީ ގުޅުންތައް ބަދަހިކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އަދި އޭނާގެ މަރަކީ މާލީގެ ސަރުކާރަށް ޢަސްކަރީގޮތުން ލިބިގެންދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.












