Sunday, 26 July 2026

Ads by

އީރާނުން ބުނަނީ ”އެމެރިކާޔާ އިޒްރޭލުގެ ޖާސޫސުން“ ހައްޔަރުކުރިކަމަށް. އެކަމަކު ރެއިޑު ޖެހީ ސުންނީ ހިސާބުތަކަަށް! ޙަޤީގަތަކީ ކޮބައި؟

ގިނަ ބަޔަކަށް ފޮރުވިފައިވާ ޙަޤީގަތެއް: އީރާނުގެ ޝީޢީ ވެރިކަމުން އޭގެ ސުންނީ މައިނޯރިޓީ އާބާދީއާ ދޭތެރޭ ކަންތައް ކުރަނީ އިޒްރޭލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ކަންތައް ކުރާ އުސޫލުންނެވެ. (އެކިއެމްވީ ފޮޓޯ ކޮލާޖު)

އެމެރިކާއާއި އިޒްރޭލަށް ޖާސޫސުކޮށްދޭކަމުގެ ތުހުމަތުގައި 30 މީހަކު ހައްޔަރުކޮށްފައިވާކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މިއީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ޤައުމީ ސަލާމަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރި ނަމަވެސް، އިންސާނީ ޙައްޤުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ އީރާނުގައި ދިރިއުޅޭ ނިކަމެތި ސުންނީ އާބާދީތަކުގެ އަޑުކަނޑާލުމަށް ސަރުކާރުން ހިންގާ ރޭވުންތެރި ހަރަކާތެކެވެ.

އީރާނުގެ މިހާރުގެ ސުންނީ ސަރަހައްދުތައް (އެޓްލާންޓިކް):
ކީރިތި ރަސޫލާ (ޞޢވ) ގެ އަޞްޙާބުބޭކަލުން ފާރިސްކަރަ ފަތަޙަކުރެއްވި ހިސާބުން ފެށިގެން 16 ވަނަ ޤަރުނު ޞަފަވީ ދަރިކޮޅުގެ ވެރިކަމާ ހަމައަށް އީރާނަކީ ސުންނީންގެ އަޣުލަބިއްޔަތު އޮތް ތަނެކެވެ. ޞަފަވީން ވަނީ ސުންނީން ޤަތުލުކޮށް، އަރުވާލައި، ނުވަތަ ގަދަކަމުން ޝީޢީ ދީނަށް ބަދަލުކުރުވައި ޝީޢީ މެޖޯރިޓީތަނަކަށް އީރާނު ހަދާފައެވެ.

އަމާޒުކުރެވޭ އާބާދީތައް
އީރާނުގެ އިންޓެލިޖެންސް ބަޔާނުގައި ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ ސިސްތާން-ބަލޫޗިސްތާން، ކުރުދިސްތާން، އަދި ރަޒަވީ ޚުރާސާން ޕްރޮވިންސުން މީހުން ހައްޔަރުކުރި ވާހަކައެވެ. މިއީ އީރާނުގެ ބޯޑަރު ސަރަޙައްދުގައި އޮންނަ، ސުންނީ މުސްލިމުން (ބަލޫޗް އަދި ކުރުދީ ނަސްލުގެ މީހުން) އެންމެ ގިނައިން ދިރިއުޅޭ ސަރަޙައްދުތަކެވެ. ޒަމާނުއްސުރެ އީރާނުގެ މައި ސަރުކާރުން ވަނީ މި ސަރަޙައްދުތައް އިޤްތިޞާދީ ގޮތުން ބާކީކޮށް، ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މި އާބާދީތަކަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ.

އެމްނެސްޓީގެ ތަޙުޤީޤު: 2016 ގެ ޤަތުލުޢާންމު އަދި އޮޅުވާލުން
މިފަދަ ހައްޔަރުކުރުންތަކަކީ އީރާނުން ސުންނީންނާ ދެކޮޅަށް ޒަމާނުއްސުރެ ހިންގާ ރޭވުންތެރި ޖަރީމާތަކެއްކަން އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓަކުން (MDE 13/5079/2016) ވަނީ ވަރަށް ސާފުކޮށް ކަށަވަރުކޮށްދީފައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2016 ވަނަ އަހަރުގެ އޮގަސްޓު މަހު އީރާނުން ވަނީ 25 ސުންނީ މުސްލިމުން (ގިނައިން ކުރުދީ ނަސްލުގެ މީހުން) ”ކަލާނގެއާ ދެކޮޅަށް ހަނގުރާމަކުރުމުގެ“ ދޮގު ތުހުމަތު އަޅުވައި، އެއްފަހަރާ ދަންޖައްސައި މަރާލާފައެވެ.

އީރާނުން އެއްފަހަރާ މަރުގެ ޙުކުމް އިއްވި 25 ސުންނީ މުސްލިމުންގެ މައްސަލާގައި އެމްނެސްޓީގެ ތަޙުޤީގު: ​ޙުކުމް އިއްވާފައިވަނީ ”ކަލާނގެއާ ދެކޮޅުވެރިވުން“ ފަދަ މާނަ ސާފުނުވާ ކުށްތަކެއްގެ ތުހުމަތުގައެވެ. 2 އަހަރަށްވުރެ ގިނަ ދުވަހު ވާނުވާގައި ބާއްވައި، ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ނުދީ، އަނިޔާކޮށް ވަނީ މަޖުބޫރުން ޢިއުތިރާފުގެ ވީޑިއޯ ބަޔާންނަގާފައެވެ.

އެމްނެސްޓީން ހާމަކުރިގޮތުގައި، މި މީހުންގެ މައްޗަށް ޙުކުމް އިއްވީ ވަރަށް ކުރު، އަދި އެއްވެސް އިންސާފެއް ނެތް ޝަރީޢަތްތަކަކަށް ފަހުގައެވެ. މި މީހުން ކުށަށް އިއުތިރާފުކުރުވީ އިންތިހާއަށް އަނިޔާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ޝަހްރާމް އަޙްމަދީ ނަމަކަށް ކިޔާ ޒުވާނަކު، އޭނާ އިއުތިރާފުވީ އަނިޔާކުރުމުން ކަމަށް ކޯޓުގައި ބުނުމުންވެސް، އީރާނުގެ ސުޕްރީމް ކޯޓުން ވަނީ އޭނާ މެރުމަށް ތާއީދުކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ ސަރުކާރުން ވަނީ މި މީހުންނަށް ކުރި އަނިޔާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އިއުތިރާފުގެ ވީޑިއޯތައް، ނާމާން މިއުޒިކާއެކު ދައުލަތުގެ ޓީވީތަކުން ދައްކައި، މި ޤަތުލުޢާންމު ޖަސްޓިފައިކުރަން މަސައްކަތްކޮށްފައެވެ. މި މީހުން މަރާލީ ޢާއިލާއަށްވެސް އެންގުމަކާ ނުލައެވެ. އަދި ހަށިގަނޑުތައް ވަޅުލީ އެމީހުންގެ އުފަންރަށާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައިވާ ތެހެރާންގައެވެ. މިއިން ސުވާލު އުފެދޭ ގޮތުގައި، މިހާރު ރަށްފުށު ނިކަމެތި ސުންނީ އާބާދީތަކުން އެކަނި ހައްޔަރުކޮށްގެން އުޅޭ 30 މީހުންނަކީވެސް މިބީދައިން ކަންކުރެވިގެން ހައްޔަރުކޮށްފައިވާ ބަޔެއްކަމުގައިވުން އެކަށީގެންވެއެވެ.

އީރާނުގެ ސަރުކާރުން ބުނާގޮތުގައި މި މީހުން ހައްޔަރުކުރީ އަސްކަރީ މަޢުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިނުމާއި ޓެރަރިސްޓުންނަށް އެހީވުމުގެ ތުހުމަތުގައެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުން އަބަދުވެސް ބޭނުންކުރާ އުކުޅަކީ ޙައްޤުތައް ހޯދަން ނުކުންނަ ސުންނީ ޒުވާނުންނާއި ޢިލްމުވެރިންނަކީ ޖާސޫސުން ކަމަށް ކަނޑައެޅުމަށްފަހު، އެއްވެސް އިންސާފުވެރި ޝަރީޢަތަކާ ނުލައި މަރުގެ އަދަބު ދިނުމެވެ.

އިޒްރޭލާއި އީރާނުގެ އެއްގޮތް ސިޔާސަތު
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އަމިއްލަ ރައްޔިތުންނަށް ދޭ އަނިޔާ ފޮރުވުމަށްޓަކައި ބޭރުގެ ނުރައްކަލެއް ދެއްކުމަކީ ބައެއް ދައުލަތްތަކުން އާންމުކޮށް ކުރާ ކަމެކެވެ. މިގޮތުން އީރާނާއި އިޒްރޭލުގެ ދާޚިލީ ސަލާމަތީ ސިޔާސަތުތަކުގައި ވަރަށް ބޮޑު އެއްގޮތްކަމެއް ވެއެވެ.
އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އަސްކަރީ ބާރު ހިންގައި، އެމީހުން ހައްޔަރުކޮށް އަނިޔާކުރުމަށްފަހު އެއީ ”ޓެރަރިސްޓުން“ ކަމަށް ބުނެ އެ ޖަރީމާތައް ފޮރުވާ ފަދައިން، އީރާނުންވެސް އެ ޤައުމުގެ ސުންނީންނަށް އަނިޔާކުރުމަށްފަހު ބުނަނީ އެއީ ”އިޒްރޭލުގެ ޖާސޫސުން“ ކަމަށެވެ. މިއީ ޤައުމީ ސަލާމަތުގެ ނަމުގައި، ދައުލަތުގެ އެތެރޭގައި ތިބި ނިކަމެތި މައިނޯރިޓީންގެ މައްޗަށް އަނިޔާވެރިކަން ހިންގުމަށް މި ދެ ޤައުމުންވެސް ބޭނުންކުރާ ހަތިޔާރެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް