Sunday, 26 July 2026

Ads by

ސިޔާސީ ވެރީންނަށް އާކަމެއް ނޫން: ވައިޓް ހައުސް ޑިނަރގެ ޙަމަލާއަކީވެސް އެޕްސްޓީން މައްސަލަ އޮއްބާލަން ކުޅުނު ޑްރާމާއެއް؟

އެކި ގްރެފިކްސް: ޙުސެން ފައުޒާން

ވޮޝިންގޓަން – ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ހިނގި ހަތިޔާރުގެ ޙާދިސާއާ ގުޅިގެން، އެމެރިކާގެ ސަލާމަތީ ނިޒާމުގެ ޤާބިލުކަމާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި ދަނީ ސުވާލު އުފައްދަމުންނެވެ. ރަސްމީ އިދާރާތަކުން މިއީ ނާކާމިޔާބުކޮށްލެވުނު ޓެރަރިސްޓް ޙަމަލާއެއް ކަމަށް ބުނި ނަމަވެސް، ސިޔާސީ ދިރާސާކުރާ ފަރާތްތަކުންނާއި އެމެރިކާގެ އެތެރޭގެ ސިޔާސީ ފަރާތްތަކުން ދަނީ މިއީ ސިޔާސީ ސަމާލުކަން އަނބުރާލުމަށް ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް ތުހުމަތުކުރަމުންނެވެ. މިކަމުގައި އެންމެ ބޮޑަށް ބުރަވެވޭ އެއް ސަބަބަކީ، ކުޑަކުދިން ޓްރެފިކްކުރި ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕްގެ ސަރުކާރާއި ނުފޫޒުގަދަ ފަރާތްތަކުގެ މައްޗަށް އޮތް ތުހުމަތުތަކުގެ ފައިލްތައް ހާމަކުރުމުގެ ވަގުތު ކައިރިވެފައިވުމެވެ. އަދި މިކަމަށް އެންމެ ބޮޑަށް ބާރުލިބެނީ ޚުދު ޓްރަމްޕްގެ އެންމެ ގާތް ސަޕޯޓަރުންގެ ބަސްތަކުންނެވެ.

15 ޖުލައި 2024 ގައި ވިސްކޮންސިންގެ މިލްވޯކީގައި ބޭއްވި ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަންގައި ޑޮނަލްޑް ޓްރަމްޕާއި މަޝްހޫރު އިންފްލުއެންސާ ޓަކަރ ކާލްސަން. ޓްރަމްޕަށް ތާއީދުކުރެވުނީތީ މިހާރު ހިތާމަކުރާ ކަމަށް ޓަކަރ ކާލްސަން ވަނީ ބުނެފައެވެ. (ފޮޓޯ ކްރެޑިޓް: އެންޑްރޫ ހާނިކް / ގެޓީ އިމޭޖަސް)

ކެމްޕެއިން ޙަމަލާއާމެދު އަމިއްލަ ސަޕޯޓަރުންގެ ޝައްކު
މިއީ ޓްރަމްޕްގެ އަމިއްލަ ސަޕޯޓަރުން މިފަދަ ތުހުމަތުތަކެއް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ހޮނިހިރު ދުވަހުގެ ރޭގެ ޙަމަލާއާ މެދު އުފެދިފައިވާ ޝައްކުތަކުގެ އަސްލު ގުޅިފައިވަނީ، މީގެ ކުރިން އޭނާގެ ކެމްޕެއިން ރެލީއެއްގެ ތެރެއިން ދިންކަމަށް ބުނާ ބަޑީގެ ޙަމަލާއަށެވެ. އެ ޙާދިސާއަށްފަހު، ކަނާތުފިޔައިގެ ނުފޫޒުގަދަ އިންފްލުއެންސަރުންނާއި، މީޑިއާ އެކްޓިވިސްޓުންގެ އިތުރުން ޓްރަމްޕްގެ ’މާގާ‘ ސަޕޯޓަރުންގެ ގިނަ ބަޔަކު ވަނީ އެއީ ސިޔާސީ މަންފާއަށްޓަކައި ދުރާލާ ރާވައިގެން ހިންގި ”ސްޓޭޖް“ އޮޅުވާލުމެއް ކަމަށް ފާޅުގައި ބުނެފައެވެ.

އެމެރިކާގެ ކުރީގެ ކޮންގްރެސް މެމްބަރު މާޖޮރީ ޓޭލަރ ގްރީން ވަނީ، ޙަމަލާދިން މީހާގެ މަޢުލޫމާތުތައް ޓްރަމްޕް ގަސްތުގައި ފޮރުވާފައިވާކަމަށް ބުނެ އެއީ ”ކަވަރ-އަޕް“ އެއްކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އިސް ފަރާތެއް ކަމަށްވާ ޓްރިޝާ ހޯޕް ވަނީ، ޙަމަލާގެ ވަގުތުގައި ނަގާފައިވާ ޓްރަމްޕްގެ ފޮޓޯތަކަކީ މާބޮޑަށް ”ޕޮލިޝްކޮށް“ ތައްޔާރުކޮށްފައިވާ ފޮޓޯތަކެއްކަމަށް ބުނެފައެވެ. އަދި އެ ޙާދިސާގެ ވާހަކަ ދެއްކުމަކީ ވޭނެއްކަމަށް ޓްރަމްޕް ބުނުމަކީ، ޙަޤީޤަތް އޮޅުވާލުމަށްޓަކައި އެ ވާހަކަ ހުއްޓުވަން ހެދި ދޮގެއްކަމަށް އޭނާ ބުނެފައިވެއެވެ. ނުފޫޒުގަދަ ޕޮޑްކާސްޓަރު ޓިމް ޑިލަން ވަނީ އެ ޙަމަލާއަކީ ޓްރަމްޕް އަމިއްލައަށް ކުޅުނު ޑްރާމާއެއްކަމަށް އެއްބަސްވުމަށް ގޮވާލާފައެވެ. ސިޔާސީ ލީޑަރެއްގެ އެންމެ ގާތް ސަޕޯޓަރުންވެސް އޭނާގެ ފުރާނައަށް ނުރައްކާވި ކަމަށް ބުނާ ޙާދިސާތަކަކީ ސަމާލުކަން ހޯދަން ކުޅޭ ޑްރާމާއެއް ކަމަށް ގަބޫލުކުރާނަމަ، ސަރުކާރުގެ ރަސްމީ ބަޔާންތަކަށް އޮންނަ އިތުބާރު އެއްކޮށް ގެއްލިގެން ދިޔައީއެވެ.

ރައީސް ޓްރަމްޕްގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިންތާ އެއް ދުވަސް ފަހުން، 18 މާރިޗު 2026 ގައި ޓަކަރ ކާލްސަންއާއެކު އިންޓަވިއުއެއްގައި ޖޯ ކެންޓް (ވާތްފަރާތުގައި). (ސްކްރީންޝޮޓް: ޔޫޓިއުބް / ޖޭ.ޓީ.އޭ)

ކުރީގެ ކައުންޓަރ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓްގެ ބަސް
މިއީ ހަމައެކަނި އާންމު ސަޕޯޓަރުން ދައްކާ ވާހަކައެއް ނޫނެވެ. އެމެރިކާގެ ކުރީގެ ނޭޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖޯ ކެންޓް މި ޙަމަލާއަކީ ސްޓޭޖްކޮށްފައިވާ ޙަމަލާއެއްކަމަށް ސީދާ ބުނެފައިނުވި ނަމަވެސް، އޭނާގެ ބަސްތަކުން މި އޮޅުވާލުންތަކަށް ވަނީ ބޮޑު ބުރަދަނެއް ލިބިފައެވެ. ޓަކަރ ކާލްސަންގެ ޝޯގައި ވާހަކަދައްކަވަމުން ކެންޓް ބުނީ، ކެމްޕެއިން ޙަމަލާއާ ގުޅިގެން ”ޖަވާބުނުލިބޭ އެތައް ސުވާލުތަކެއް“ އެބަހުރި ކަމަށާއި، ސަރުކާރުން ވަނީ އެ ތަޙުޤީޤުތައް ވަރަށް އަވަހަށް ހުއްޓުވާލާފައި ކަމަށެވެ. ޤައުމީ ސަލާމަތާބެހޭ އިސް މަޤާމެއް ފުރާފައިވާ ފަރާތެއް މިފަދަ ތުހުމަތުތައް ކުރެއްވުމުން މިއީ ސަރުކާރުގެ އެތެރެއިން ގަސްތުގައި ފޮރުވައިގެން ހިންގާ ކަންތައްތަކެއް ކަމަށްކުރާ ތުހުމަތުތަކަށް ލިބޭ ވަރަށް ބޮޑު ބުރަދަނެކެވެ.

އެޕްސްޓީންގެ ފައިލްތަކުން ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު ގާތް ގުޅުންތަކެއް އޮތްކަން ހާމަވުމުގެ އިތުރުން، އޭނާގެ އެންމެ އަރިސް މީހުންނާއި، ގާނޫނީ އަދި ދިފާއީ ބައިވެރިން އަދި ފައިސާ ހަދިޔާކުރާ ބިލިއަނަރުންވެސް މި ބޮޑު ސްކޭންޑަލްގައި ޝާމިލުވެފައިވެއެވެ. (ސްކައި ނިއުސް)

އެޕްސްޓީންގެ ފައިލްތައް ފޮރުވުން: ހަނގުރާމައާއި ސްޓޭޖް ޙަމަލާތައް
މިފަދަ ބޮޑު ސިޔާސީ ޑްރާމާއެއް ތަކުރާރުކޮށް ކުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާހިރުން އިޝާރާތްކުރަނީ އެޕްސްޓީންގެ ފައިލްތަކަށެވެ. އެޕްސްޓީންގެ ވިއުގައާ ގުޅުންހުރި ނުފޫޒުގަދަ މީހުންގެ ނަންތައް ހާމަކުރުމަށް އާންމުންގެ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައި، މިފަދަ ”ކާރިސާތައް“ ހިނގުމަކީ އިއްތިފާޤެއް ނޫނެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ދާދި ފަހުން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ކަނޑުމަތީގެ ހަނގުރާމައަކީވެސް އެޕްސްޓީންގެ މައްސަލައިން ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ޓްރަމްޕްގެ ސަރުކާރުން ފެށި ކަމެކެވެ. މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމަކީ ބޮޑު މަންޒަރުގައި ސަމާލުކަން އަނބުރާލުން ކަމަށްވާއިރު، ކެމްޕެއިން ރެލީތަކުގައާއި ވައިޓް ހައުސް ޑިނަރގައި މި ދޭ ”ސްޓޭޖް“ ޙަމަލާތަކަކީ އެތެރޭގެ ސިޔާސީ މަސްރަޙުގެ ސަމާލުކަން އަނބުރާލުމަށް ކުޅުނު ކުޅިވަރެކެވެ. މީގެ ސަބަބުން، ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އޮތް ވެރިޔަކު، ކުއްލިއަކަށް ބަދަލުވެގެންދަނީ ސިޔާސީ އަނިޔާވެރިކަމުން ސަލާމަތްވި ”ބަޠަލަކަށެވެ.“

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް