މާޔަން މުހައްމަދަށް މަގުމަތިން ހަމަލާދީ ފޭރުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެ މައްސަލަ މިއަދު ހެނދުނު 06:20 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެެވެ.
މީސްމީޑިއާގައި މާޔަން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ”ކްލޭ ސްޓޫޑިއޯ“ ހުންނަ މަގުގައި ކަމަށެވެ. އެގޮތުން އޭނާ ދުވެފައި ދަނިކޮށް، ސައިކަލެއްގައި އައި 2 މީހުން އޭނާ ވައްޓާލާ، ކަރުގައި އޮތް ރަން ފަށް ފޭރިގަނެފައިވާ ކަމަށް މާޔަން ވަނީ ބުނެފައެވެ.
މާޔަން އަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމައްޓަކައި ގިނަ ހިދުމަތްތަކެއް ކުރަށްވާފައިވާ ކަނބަލެކެވެ. މާޔަން ވަނީ ކުރިން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.













