އިދިކޮޅު އެމްޑީޕީން ރޭ މާލެ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.
މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ފަރާތުން ރޭ މާލެ ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެ ބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކުރުވި ކަމެއްކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއް ކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ގަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، މޭޔަރު އާޒިމް ވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގާދިޔަފަހުން ވެސް އެއްވެސް ރަސްމީ ފަރާތަކުން، އެމްޑީޕީގެ އެއްވެސް ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލުން ވެސް މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މުންދު ވިދާޅުވިއެވެ.
މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި މޭޔަރުގެ ހައިސިއްޔަތުގެ ތެރެއިން، އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުންގެންދަވާ ކަމަށެވެ. އަދި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ އެ ބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް މުންދު ވަނީ އިތުރަށް ވިދާޅުވެފައެވެ.












