މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ބަންކަރިންގެ ހިދުމަތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ސަރުކާރުން ބަންކަރިންގެ ހިދުމަތް ރަސްމީ ސިފައެއްގައި ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަންކަރިންގެ ހިދުމަތުން ލިބުނު އާމްދަނީއަށް ބަލާއިރު ފުރަތަމަ ތިން މަސްދުވަހުގެ ނިޔަލަށް މި ހިދުމަތުން 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 5.49 ބިލިއަން ރުފިޔާ އާމްދަނީއެއް ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު އެއް ސަބަބު ކަމަށް އެ ކުންފުނިން ފާހަގަކުރަނީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ ވިޔަފާރިއަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 27 އިންސައްތަ ކުރިއެރުން ވަނީ ލިބިފައެވެ.
އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ބޮޑު ބައެއް ވެސް ހިއްސާކުރަނީ ބަންކަރިންގެ ހިދުމަތުން ލިބުނު ކުރިއެރުމެވެ. އެގޮތުން ފުރަތަމަ ކުއާޓަރގައި މި ހިދުމަތުގެ ތެރެއިން ވިއްކި ތެލުގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރއާއި އަޅާބަލާއިރު 18 މިލިއަން ލީޓަރު އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބަންކަރިންގެ ހިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީ ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި ހިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިންއެވެ.
ރާއްޖޭގައި މި ވަގުތު ބަންކަރިންގެ ހިދުމަތް ދެމުން އަންނަނީ އޮފްޝޯރ ކޮށް ކަނޑުމަތީގައި ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ހިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް މި ހިދުމަތް ދިނުމެވެ. މި މަސައްކަތުގެ ދަށުން އޮންޝޯރ ފެސިލިޓީތައް ގާއިމުކޮށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި މިހާރަށްވުރެ ބޮޑަށް ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.












