އިޒްރޭލުން ލުބުނާނަށް ދެމެދުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން (ސީސްފަޔަރ) އިތުރު 21 ދުވަހަށް ދިގުދަންމާލަން ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މައިދާނުގެ ޙާލަތަށް ބަލާއިރު، މި ޑިޕްލޮމެޓިކް ނިންމުމާއި ޢަމަލީ މަންޒަރާ ދެމެދު ބޮޑު ތަފާތެއް ވެއެވެ. ލުބުނާނުގެ ރައްޔިތުންނާއި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިއީ ހަމައެކަނި ސުލްޙައިގެ ފިޔަވަޅެއް ނޫނެވެ؛ މިއީ އެމެރިކާ މެދުވެރިވެގެން ގެނައި ”ސީސްފަޔަރ“ ގެ ވަގުތު ބޭނުންކޮށްގެން، ޔަހޫދީ އިސްތިއުމާރުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި އެމީހުންގެ އަސްކަރީ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރުމަށް ހޯދި ފުރުޞަތެކެވެ.

ޙަމަލާތަކާއި ޖަވާބުދާރީކުރުވުން
މި ”ސީސްފަޔަރ“ ގެ ނާޒުކުކަން، އެއްބަސްވުން އާކުރުމަށް ލުބުނާނުގެ ވަފުދުން ވޮޝިންގޓަނަށް ދިއުމުގެ ކުރިންވެސް ވަނީ ހާމަވެފައެވެ. ފުރަތަމަ އިޢުލާނުކުރި 10 ދުވަހުގެ ސީސްފަޔަރގެ ތެރޭގައިވެސް، އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ޙަމަލާތަކެއްގައި 3 މީހުން ވަނީ މަރުވެފައެވެ.

މި ޙާދިސާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވުމުން، އެއްބަސްވުންތައް ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ ނިޒާމު އޮތް ނުކުޅެދުންތެރިކަން ހާމަވެއެވެ. އަދި އެމެރިކާގެ ޙިމާޔަތުގެ ދަށުގައި އިޒްރޭލުން އެއްބަސްވުމާ ޚިލާފުވި ނަމަވެސް، ޑިޕްލޮމެޓިކް ގޮތުން ޖަވާބުދާރީ ކުރުވުމުގެ ބާރު ކުޑަކަން މިއިން ސާބިތުވެއެވެ.

އާކުރި 21 ދުވަހުގެ ސީސްފަޔަރ ވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އދ. ގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް) އިން ރިޕޯޓުކުރާ ގޮތުގައި ބޯޑަރު (ބްލޫ ލައިން) ސަރަޙައްދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލުކުރަމުންނެވެ. އެމެރިކާއިން މިއީ ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ލުބުނާނުގެ އޮފިޝަލުން ވަނީ މީގެ އަސްލު އަސްކަރީ މަޤްޞަދު ފާހަގަކޮށްފައެވެ.





