ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފާއިތުވި ދެ އަހަރު ދުވަހު ޖެހުނީ އެމްޑީޕީގެ ސަރުކާރުން ނެގިހާ ލޯނުތަކެއް ދައްކަން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ސުޖާއި ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 400 މިލިއަން ޑޮލަރު ރޭ ދައްކާފައިވާ ކަމަށެވެ. އަދި މި ހިނގާ މަސްތެރޭގައި ދިވެހި ރައްޔިތުންނަށްޓަކައި ގައުމަށް ލިބުނު ފައިސާގެ ތެރެއިން ޖުމްލަ 925 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންޑިއާއަށް ދައްކާފައިވާކަމަށެވެ.
ސުޖާއު ވިދާޅުވީ، މި މަހުގެ 2 ވަނަ ދުވަހު 525 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ލޯނު ފައިސާ ދައްކަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.
”މި ހުރިހާ ލޯނަކީވެސް ނިމިދިޔަ އެމްޑީޕީއާއިބ އޭގެ ކުރީ ސަރުކާރުތަކުގެ ދަރަނި“ ސުޖާއު ވިދާޅުވިއެވެ.
”ނިމިދިޔަ ދެ އަހަރު ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރެއްވީ އެމްޑީޕީ ސަރުކާރުން ނެންގެވި ލޯނުތައް ދެއްކުމުގައި،“ ޝުޖާއު ވިދާޅުވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެއްވާނީ އުފާވެރިކަން ކަމަށެވެ.













