ސޫރިޔާގެ ދާޚިލީ ވުޒާރާއިން އިޢުލާނުކޮށްފައިވާ ގޮތުގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ވަނީ، ސޫރިޔާގެ ދިމިޝްޤުގައި ”ތަޟާމުން“ ޤަތުލްޢާއްމު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި، އަމްޖަދު ޔޫސުފް އަތުލައިގަނެ ހައްޔަރުކޮށްފައެވެ.
އެވުޒާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި ސޫރިޔާގެ ހަމާ ރަށްފުށުގައި ހިންގި މި އޮޕަރޭޝަން ހިންގާފައިވަނީ ގިނަ ދުވަހުގެ ރޭވުމާއި ފާރަލުމަށްފަހުގައެވެ. އަދި އެ ޤަތުލުޢާއްމުގައި ބައިވެރިވި އިތުރުމީހުން ހޯދުމަށް ދަނީ އިތުރަށް މަސައްކަތްކުރަމުންނެވެ.
”ތަޟާމުން“ ޤަތުލުޢާއްމު:
2013 ވަނަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ދެކުނުން ތަޟާމުން އަވަށުގައި ބައްޝާރުލް އަސަދުގެ ޢަސްކަރީ އިންޓެލިޖެންސް ޑިރެކްޓޮރޭޓުގެ 227 ބުރާންޗުގެ ސިފައިން ވަނީ ޢާއްމު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި، މީހުން ނޫޅޭ މަގެއްގައި ކުރިން ކޮނެފައިވާ ވަޅަކަށް އަޅާފައެވެ. ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި 288 އަކާއި 350 އާއި ދެމެދުގެ ޢަދަދަކަށް ޢާއްމު ރައްޔިތުން ވަނީ މި ޤަތުލުޢާއްމުގައި ޝަހީދުވެފައެވެ. މީގެ ތެރޭގައި 7 އަންހެނުންނާއި 12 ކުޑަކުދިންވެސް ހިމެނެއެވެ.












