ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ޖާބިރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައި ފޯމު ހުށަހަޅުއްވާފައިވަނީ މިއަދުއެވެ. ޕީއެންސީއާ ގުޅިވަޑައިގަންނަން ނިންމެވީ ރައީސް މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއެއް ކަމަށްވާތީ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަކީ ޕީއެންސީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމިގެން ދިޔަ 19 ވަނަ މަޖިލީހަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގެންނެވި ޖާބިރު 2023 ވަނަ އަހަރުގެ ތެރޭގައި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން އެމްޑީޕީގެ ހަރަކާތްތަކުން ދުރުވެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ދިޔައީ ފާޑު ވިދާޅުވަމުންނެވެ.
މީގެ އިތުރުން އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ޖާބިރު ވާދަކުރެވި ނަމަވެސް އެ ދާއިރާގެ ގޮނޑި އޭނާއަށް ކާމިޔާބެއް ނުކުރެވުނެވެ.
އޭގެ ފަހުން ޖާބިރު ފެނިގެން ދިޔައީ މި ސަރުކާރާއި ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ތައުރީފްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕޭނު ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.











