ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއެކު، މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބުލީކުރުމާއި އާއްމު އިޖުތިމާއީ އާންމު މިންގަނޑާއި ހިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.
ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށްދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ ފަދަ ފަރާތްތަކަށް ޖިނާއީ އެންމެ ހަރުކަށި އަދަބު ދޭން ބޭނުންވާ ކަމަށެވެ.
”ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
ބުލީ ކުރުމާ ގުޅޭ މައްސަލަތައް މިފަހަރަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.













