ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން ކުއްޖާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 20:40 ގައި އެ ކުއްޖާގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބަރ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އޭގެ ނުވަ މިނެޓް ފަހުން 20:49 އާއި ހަމައަށް ވިކްޓިމް ސަޕޯޓުން އެ ކުއްޖާއަށް ޖަވާބު ދިން ކަމަށާއި އަދި އެ މެސެޖަށް ކުއްޖާގެ ފަރާތުން ޖަވާބެއް އައީ އޭގެ މިނެޓެއް ފަހުން 20:50 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެރޭ 20:53 ގައި އެ ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓަށް ދެ މެސެޖު ކޮށްފައިވާ ކަމަށާއި އަދި އެރޭ 20:56 ގައި އޭނާގެ ހާލު ރަނގަޅު ކަމަށާއި އަދި ”އައިމް ގޮއިން ފޯރ އަ ވޯރކް“ މިހެން ބުނެ މެސެޖް ކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެރޭ ދަންވަރު 12:38 ގައި ”އައިމް ގޯން“ ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރުމުން އޭގެ ތިން މިނެޓު ފަހުން އެ ކުއްޖާއަށް ފުލުހުން ޖަވާބުދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އެ ކުއްޖާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް ޖަވާބު ނުދީ އޮފްލައިންވުމުން 01:03 އެހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެ، 01:08 އެހާއިރު ފުލުހުން ދަނާލަށް ވަދެފައިވާ ކަމަށާއި އަދި އެ ކުއްޖާ ދިރިއުޅެމުންދިޔަ ކޮޓަރި ދެނެގަނެވުނީ އެރޭ 01:32 އެހާއިރު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ ކުއްޖާ ދިރިއުޅޭ ކޮޓަރި ދެނެގަނެވުމާއެކު ކޮޓަރި ތަޅުލާފައި ހުރުމުން ފުލުހުން އެ ކޮޓަރިއަށް ވަނީ ފެންލައިޓުން ކަމަށާއި އަދި ކޮޓަރިއަށް ވަދެ ބެލިއިރު އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކަށް އިޝާރަތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ހަގީގަތާ ހިލާފު އެފަދަ ވާހަކަތައް ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.













