ހައްޖު ކިއު ދިގުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މި މެރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖު ކިއު ދިގުވުމުގެ މައްސަލައަކީ ހުރިހާ ގައުމެއްގައި ވެސް ކުރިމަތިވާ މައްސަލައެއް ކަމަށާއި އެއީ ހަމައެކަނި ރާއްޖެއަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ހައްޖަށް ދިއުމަށް އެދެނީ އަހަރަކު 1،000 އެއްހައި މީހުން ކަމަށާއި މިހާރު ކިއު ދިގު ކަމަށް ދައްކަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ކޮވިޑް 19 ގެ ދުވަސްވަރު ގާތްގަނޑަކަށް 2،700 އާއި 3،000 އެއްހައި މީހުންނަށް ހައްޖަށް ދެވިފައި ނުވާތީ ކަމަށެވެ.
”ތިން އަހަރު ހައްޖަށް ނުދެވި ތިން ވަނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދިންއިރު ދިނީ އެންމެ 400 މީހުންނަށް ނުވަތަ 300 މީހުންނަށް އަޅުގަނޑު ހަނދާންވާ ގޮތުގައި، އެހެންވީމަ ގާތްގަނޑަކަށް 2،700 އާއި 3،000 މީހުންނަށް ހައްޖަށް ނުދެވި ދިޔަ ކޮވިޑުގެ ކާރިސާއާ ގުޅިގެން“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ކަން މިހެން އޮތުމާއެކު އެ ކިއު އޮންނާނީ ހައްޖަށް ނުދާ މީހުންގެ ލިސްޓުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ރާވައިގެން ހައްޖަށް ދިއުމަށްޓަކައި ކިއުގައިޖެހޭތީ ކިއު ދިގުކޮށް ފެންނަ ފެނުމަކީ ތަބީއީ ކަމެއް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ހައްޖަށް ދިއުމަށް ކޮވިޑުގެ ކުރިން ރަޖިސްޓްރީވެފައި ތިބި އުމުރުން ދުވަސްވީ ފަރާތްތައް އެބަތިބި ކަމަށާއި، އެމީހުން ހައްޖަށް ދިއުމަށް އަވަސް ފުރުސަތެއް ދިނުމަަށްޓަކައި މިނިސްޓަރުންގެ މަޝްވަރާތަކާ އެއްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.













