Sunday, 26 July 2026

Ads by

ތިލަމާލެ ބުރިޖު: ދެ ރައީސުން މާޔޫސްކޮށްލި ބުރިޖެއް!

26 އޮގަސްޓު 2021 ވީ ބުދަ ދުވަހު، މާލޭގައި ހުރި އެންމެ ޝާހީ އެއް ހޮޓެލް ކަމަށްވާ ”ހޮޓެލް ޖެން“ ގައި ބޭއްވި ރަސްމިއްޔާތެއްގައި މިހާރު މާލޭގެ ހުޅަނގު ފަރާތުން ބުރިޖެއްގެ ސިފަ ޖެހެމުން އަންނަ، ”ތިލަމާލެ ބުރިޖު“ މަޝްރޫއުގެ ސޮއި ދިވެހި ސަރުކާރާއި އިންޑިއާގެ އެފްކޮންސް އިންފްރާސްޓަކްޗާއާދެމެދު އަޅާލީ، ދެ އަހަރު ދުވަހުން އެ މަޝްރޫއު އެއްކޮށް ނިންމުމަށެވެ.

އެހެންނަމަވެސް މި ބިޔަބޮޑު މަޝްރޫޢުގައި ސޮއިކުރި ރަސްމިއްޔާތުންވެސް އޭރުގެ އެމްޑީޕީސަރުކާރުގެ އިސްވެރިޔަކު ނުފެނެއެވެ. ”ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު“ ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވި އިރު ރާއްޖެއިން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.

ދެއަހަރު ތެރޭގައި ނިންމާނެ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނި 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިނުގަތީ، މަޝްރޫއުއާމެދު ޔަގީންކަމެއް ނެތުމުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައެވެ.

މާލެ ސަރަހައްދު ގުޅައިލުމަށް ކުރިއަށްގެންދާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ސިނަމާލެ ބުރިޖުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާލައިން އޮފް ކްރެޑިޓް (ލޯނު) ގެ ދަށުން 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ލޯނަކީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، އަދި ފައިސާ ދައްކަން ފެށުމަށް 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނެކެވެ.

އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަމަޖެހޭނެއެވެ.

ތިލަމާލެ ބުރިޖުކީ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ބުރިޖެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި އެ މަޝްރޫއު ނިންމޭނެ ކަމަށް އޭރު ލަފާކުރިނަމަވެސް، އެކަން ހަގީގަތަކަށްވެފައެއް ނުވެއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނުނިމި ދިގުލައިގެން ދިއުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުތައް

ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މައިގަނޑު ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ އަމާޒު ހިފާފައި އޮތީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މާލެ އާއި ވިލިމާލެ ގުޅައިލުމަށެވެ.

  • ފުރަތަމަ ފިޔަވަހި: މާލެ އާއި ވިލިމާލެ ގުޅައިލާ ބައި ޖުލައި 2023 ގެ ނިޔަލަށް ނިންމުން
  • ދެވަނަ ފިޔަވަހި: ވިލިމާލެ އާއި ގުޅީފަޅު ގުޅައިލާ ބައި ޑިސެމްބަރު 2023 ގެ ނިޔަލަށް ނިންމުން
  • ތިންވަނަ ފިޔަވަހި: ގުޅީފަޅާއި ތިލަފުށި ގުޅައިލާ ބައި މެއި 2024 ގެ ނިޔަލަށް ނިންމައި، މުޅި މަޝްރޫއު އެއްކޮށް ނިންމުން.

ނަމަވެސް، މި ތާރީހުތަކާ ގާތަށްވެސް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ. މަސައްކަތް ފެށުމާއެކު އެކި ކަހަލަ ހުރަސްތަކާ ކުރިމަތިވެ، ޓައިމްލައިންތައް އެއްކޮށް ފެއިލްވެގެން ދިޔައެވެ.

ކުރީ ސަރުކާރަށްވެސް ހިންދެމި ނުލެވުނު!

ތިލަމާލެ ބުރިޖު ވެގެން ގޮސްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއްޓެވި، އަދި ދައުރުގެ ތެރޭގައި ނިންމޭނެ ކަމަށް އެންމެ ބޮޑަށް އުންމީދުކޮށް ޓައިމްލައިންތައް ދެއްވި މަޝްރޫއަށެވެ. ވެރިކަމުގެ ދައުރުގެ ފަހު އަހަރުގައި އެ މަޝްރޫއު ނިންމޭނެކަމަށް ލަފާކޮށްގެން ހުންނެވި ރައީސް ސޯލިހަށްވެސް ވެރިކަމުގައި ޖެހުނީ މާޔޫސްވާށެވެ. އެކަށީގެންވާ ސްޕީޑެއްގައި މަސައްކަތް ކުރިއަށް ނުގޮސް ފާޑުކިޔުންތައް އަމާޒުވިއެވެ. ހާއްސަކޮށް 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ބުރިޖު ހަދަން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން މަސައްކަތްތައް އެތައް މަހަކަށް އެ މަޝްރޫއު މަޑުޖެހިގެން ދިޔައެވެ.

ތިލަމާލެ ބުރިޖުގެ ފުރަތަމަ ފިޔަވަހީ ނިންމަން ކަނޑައެޅި ތާރީހުތަކަށް ނުނިމުމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ބުރިޖު މަޝްރޫއު ބޭނުންފުޅުވި ސްޕީޑުގައި ނުދާކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ސަބަބެއްކަމުގައި އޭރު އެ މަނިކުފާނު ވިދާޅުވީ، އެކަން އެހެން ދިމާވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިނަށް އައި ބުރޫއެރުންތަކާއި މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

ތާރީހަށް މަސައްކަތް ނުނިންމުމުން އޭރުގެ ސަރުކާރުން ދެން ދިނީ އިތުރު މުއްދަތެކެވެ. އެގޮތުން މާލެ އާއި ވިލިމާލެ ގުޅައިލުން 2024 ވަނަ އަހަރުގެ މެދުތެރެއަށް ފަސްކޮށް މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރާ ތާރީހު 2025 އަށް ބަދަލުކުރިއެވެ. ނަމަވެސް އޭރުވެސް ބުރިޖުގެ މަސައްކަތް ގޮސްފައިވަނީ ބަރަވެލި ދުވެލީގައެވެ.

ރައީސް މުއިއްޒަށްވެސް އާ ތާރީހެއް: މިހާރު 2027

ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު، ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ މަސައްކަތްވެސް އެއްކޮށް ނުނިމެއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އިންޑިއާއާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން އެ މަސައްކަތުގެ ސްޕީޑު ކޮންމެވެސް ވަރަކަށް އަވަސްވިއެވެ. އެގޮތުން ތަނބުތައް ފުރިހަމަވެ، ޕްރީކާސްޓުތައް އަތުރާލުމުގެ މަސައްކަތް ފެށިއެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބުރިޖުގެ 72 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 30 މޭ 2024 ގައި ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ތިލަމާލެ ބުރިޖު (މާލެ- ވިލިމާލެ) އާ ގުޅާލެވޭނެއެވެ. ނަމަވެސް، އެ މުއްދަތުވެސް މިހާރު ފަހަނަ އަޅައިގެން ގޮސްފައިވާއިރު، އަނެއްކާވެސް ވަނީ އިތުރު މުއްދަތެއް ދީފައެވެ. އެއީ މި އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިމޭނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުވެސް ވަރަށް ބޮޑަށް އެދިގެން މިހާރު ވަނީ އިތުރުކޮށްދީފައެވެ.

”ތިލަމާލެ ބުރިޖު އެއީ އިންޑިއާގެ ލޯނު އެހީގައި ކުރިއަށްދާ މަޝްރޫއެއް. ހަގީގަތުގައި ވަރަށް ލަސް އެ މަޝްރޫއު ދާލެއް. ދެން ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކޮށްދެން. ދެން މި ދޭތެރެއިންވެސް މުއްދަތު އިތުރުކޮށްދޭން ވަރަށް ބޮޑަށް އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފައި އިތުރަށް މުއްދަތުވެސް ދީފިން. ހަމަ ޔަގީނުން އަޅުގަނޑު ހިތްހަމަ ނުޖެހޭ އެ ދާ ސްޕީޑާމެދުއެއް. އަޅުގަނޑު ހިތުން ދިވެހި އެއްވެސް ރައްޔިތަކު ހުންނާނެ ހެނެއް އެ ޕްރޮޖެކްޓް ދާ ސްޕީޑު ކަމުދާ ރައްޔިތަކު. ދެން އެ ޕްރޮޖެކްޓް އެބަ ހިނގާ. ދެން ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކޮށްދެމުން މިދަނީ. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑުމެން ޑޭޓެއް ދިނިން. އެ ޑޭޓް ދިމަލެއް ނުވި، އޭގައި ނެތް އަޅުގަނޑުމެން ކުރާނެ ކަމެއް. އެހެންވެ މި އަހަރުގެ ރިޔާސީ ބަޔާނުގައި އެބައި ނުވެސް ގެންނަން. ދެން ޕްރޮޖެކްޓް ނިމުނީމަ އަޅުގަނޑުމެން ވަރަށް އުފާކުރާނަން. ދެން އެ ޕްރޮޖެކްޓު މިހާރު އެބަދޭ 2027އާ ހަމައަށް، ކުރިން އޮތީ މި އަހަރު“ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަމާލެ ބުރިޖާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖަކީ ދެ އަހަރުން ނިންމަން އަމާޒު ހިފި ބުރިޖެކެވެ. ފަސް އަހަރު ފާއިތުވެގެން ގޮސްފައިވާއިރުވެސް އެ ބުރިޖު ނުނިމުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އެ ބުރިޖަކީ ރާއްޖޭގެ ދެ ރައީސުންވެސް މާޔޫސްކޮށްލި ބުރިޖެކެވެ. ދިވެހިން މިއަދު ތިބީ އެފްކޮންސްއިން ދެން ދޭނީ ކޮން ތާރީހެއްކަމާމެދު ސުވާލު މާކެއްގެ ތެރޭގައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
3 މަސް ކުރިން

ތިބުރިޖުނިމޭތަނރއްނުފެންނާނެ އަންނަންއޮތްޖީލައްފަހަރެއްގަ ފެނިދާނެ އެވެސް ޔަގީންކަމެއްނެތް އޅިގަދައްހީވަނީ އިންޑިޔާ ސަކުކާރުންވެސް އެފްކޯން އަތުން ބްރިޖުގެ މަސައްކަތް ވަކިކޮއްއެހެންބަޔަކާ ހަވާލުކޮއްގެންވެސް ތިމަސައްކަތް ނިނއމަންވެއްޖެހެން އަޅުގަޑު ދެގައުމުގެ ސަރުކާރައްވެސް ގޮވާލަން މަސައްކަތް އަވަސްކޮއްދެއްވުމައް

އަހްމަދު
އަހްމަދު
3 މަސް ކުރިން

ރައީސް މައުމޫނު ދައުރުގައި ހދ. ނާގޯސި, ޙދ. ޙުރިހާ ރައްޔިތުން މާޔޫސް ކޮެއްލި އަދިވެސް ނިމެން ނޫޅޭ