އަންނަ އަހަރުން ފެށިގެން ހައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޔޫތް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރާފިއު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ޔޫތް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުޓްސަލް ކުޅުންތެރިންނަށް އެވޯޑާއި މުސާރަ ދިނުމުގައި މިހާރު އޮތް އުސޫލާ މެދު ގިނަ ބައެއްގެ ޝަކުވާތަކެއް އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ އުސޫލުތައް މުރާޖައާކުރުމުގެ މަސައްކަތް ނޭޝަނަލް ސްޕޯޓްސް ކައުންސިލުން މިހާރު ކުރިއަށްގެންދާ ކަމަށެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށްޓަކައި ފުރިހަމަވާންޖެހޭ ވަކި މިންގަނޑުތަކެއް ހުންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ ފެންވަރުގައި މުބާރާތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
”ނޭޝަނަލް މުބާރާތެއް ކުރިއަށްގެންދެވިގެން އަޅުގަނޑުމެންނަށް އެ އެއް އަހަރު ދުވަހުގެ އެގޮތަށް ޕެޓާން ދިޔާމަ މީ މުސާރަ ދޭ ހިސާބަށް މި ދަނީ، އެހެންވީމަ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެންނަށް އެކަން ފަހިވެގެންދާނެ އެފްއޭއެމްގަ މިހާރު ވެސް އެ ވަނީ ހަމަ އޮފިޝަލީ ފިރިހެން ޓީމްވެސް ރެޖިސްޓަރ ކުރެވިފަ،“ – މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ޓީމްގައި ހިމެނޭ ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި އަދަދުތައް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ގައުމީ އެތުލީޓުންނަ ހެލްތު އިންޝުއަރަންސް މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އުއްމީދަކީ ފުޓްސަލް ކުޅުންތެރިންނަށް ވެސް މުސާރައިގެ އިތުރުން އިންޝުއަރެންސް ވެސް ހަމަޖެހިގެން ދިއުން ކަމަށެވެ.











