އީރާނާއި އެމެރިކާގެ ހަނގުރާމަ ފެށުނުފަހުން ޔޫރަޕުގައި ދިރިއުޅޭ ޔަހޫދީންގެ މަސްލަހަތު އޮންނަ ތަންތަނަށް ދެމުންގެންދާ ހަމަލާތައް އިތުރުވަމުން ދާކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފިއެވެ. ބީބީސީގެ ރިޕޯޓަރު މީނާ އަލްލާމީ ފާހަގަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އިރާނާއި ގުޅުން އޮންނަކަމަށް ބެލެވޭ ”ހަރަކަތު އަޞްޙާބުލް ޔަމީން“ ވަނީ އިނގެރޭސިވިލާތް ހިމެނޭހެން ޔޫރަޕުގެ އެކި ޤައުމުތަކުގައި ޔަހޫދީންގެ މަސްލަހަތު އޮންނަ ތަންތަނަށް ދިން 15 ކުދި ހަމަލާއެއްގެ ޒިންމާ ނަގާފައެވެ.
އެންމެ ފަހުން ”ހަރަކަތު އަޞްޙާބުލް ޔަމީން“ އިން ވަނީ ފާއިތުވެދިޔަ ހޮނިހިރު ދުވަހު އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ކެންޓަން ޔުނައިޓެޑް ސިނަނޮގުގައި ހުޅުޖެހުމުގެ ޒިންމާވެސް ނަގާފައެވެ. މިއާއެކު އިނގެރޭސިވިލާތުގެ ޕްރައިމް މިނިސްޓަރު ކީރް ސްޓާމާރ ވަނީ އެޤައުމުގައި ޔަހޫދީންނަށް އަމާޒުކޮށް ހަމަލާދެމުން ގެންދާ ފަރާތްތައް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އަދި ލަންޑަނުގެ ފުލުހުންވެސް ވަނީ ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކުގައި ފޯރިމެރުން އިތުރުކޮށްފައެވެ.












