މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި އަގު އުފުލުނު ކަމުގައިވީނަމަވެސް، އަސާސީ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ލިބެންހުންނާނެ ކަމަށް ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ ހާއްސަ ކޮމިޓީން މިކަން ހާމަކުރެއްވީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ. މިކަމާ ގުޅޭ ތަފްސީލު ހިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުމާއެކު ރާއްޖެއަށް މުދާ ގެނެވޭނެ އިތުރު ބާޒާރުތައް ދެނެގަތުމަށް ފޮރިންގ މިނިސްޓްރީއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކުން މިހާރު ވެސް އިތުރު މަގުތަކެއް ހަމަޖެހި، ސަޕްލައި ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ގައުމުތައް ހިމެނޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ދެއްވައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށެވެ. އަދި އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވެސް ދަތިނުވެ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާނެ ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިފަދަ ދަތި ވަގުތެއްގައި ވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އާންމު ރައްޔިތުންނާ ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށް ވީހައިވެސް ބޮޑަށް ކުޑަކުރުމަށްޓަކައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފޯރުކޮށްދެމުންދާކަން އެ ކޮމިޓީން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން، މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ އެހީތެރިކަން އިތުރުކުރެވިފައިވާކަން ކޮމިޓީން ހާމަކުރެއްވިއެވެ.











