ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް ސ. ހިތަދޫ، ކައުސަރު، އަބްދުﷲ ޞާދިޤު ހަމަޖައްސައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި (އިއުލާން ނަންބަރު: MDP/2026/09) ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ ދާއިރާއަށް ކުރިމަތިލާފައިވަނީ އެންމެ މެންބަރެއް ކަމަށެވެ. އެހެންކަމުން، ޕާޓީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކީ އަބްދުﷲ ޞާދިޤު ކަމުގައި މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
އަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ މޭޔަރުކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ، އެ ސިޓީގެ ސިޔާސީ ކަންކަމުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެމްޑީޕީން މިހާރު ވަނީ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކެމްޕޭންގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕަށްވެސް ބޮޑެތި ބަދަލުތަކެއް އެޕާޓީން ދަނީ ގެންނަމުންނެވެ.
މި ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވަނީ އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި މެންބަރުގެ ގޮނޑި ގެއްލުމުންނެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.
ސިނާން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ގޮނޑި އަނބުރާ ހޯދުމަށް ކުރާ މި މަސައްކަތުގައި ދާއިރާގެ ޕީއެންސީ މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ސާބިތު ދަރަންޏެއް، ކޯޓު ހުކުމުގައިވާ މުއްދަތަށް ނުދައްކާ އޮތުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ދުވަހު ސިނާން އެ ފައިސާ އެއްކޮށް ދެއްކެވި ނަމަވެސް، ކޯޓުން ކަނޑައެޅީ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކޮށް އޮތުމަކީ މެންބަރުކަމުގެ ޝަރުތު އުނިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މިދިޔަ އަހަރުން ފެށިގެން ކުރިއަށްދިޔަ މި ގާނޫނީ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށެވެ.













